އިންޑިއާގައި ދުންފިނި ބޯވެ ރޭލުގެ ދަތުރުތަކަށް ބުރޫ އަރަނީ

އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި ދުންފިނި ބޯވެ ރޭލުގެ ދަތުރުތަކަށް ބުރޫ އަރައިފިއެވެ.

ދުންފިނީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ދިއްލީ އަށެވެ. އެ ސިޓީއިން ފާއިތުވި 24 ގަޑިއިރު ތެރޭ 18 ރޭލު ދަތުރު ކެންސަލްކޮށް ފަސް ދަތުރު ރީ ޝެޑިއުލްކޮށްފައިވާކަމަށާއި 35 ދަތުރު ޑިލޭ ކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ސަބަބުން ޕަންޖާބަށާއި، ހަރްޔާނާ އަދި އުއްތަރް ޕްރަދޭޝް އަށް ދަތުރުކުރާ ރޭލުތަކުގެ ދަތުރުތަކަށް ވަނީ އަސަރުކޮށްފައެވެ.

ފިނި މޫސުމުގެ ދުވަސްވަރު އާދަޔާ ޚިލާފަށް ދުންފިނި ބޯވުމުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ އެއްގަމުދެ ދަތުރުތަކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތައް ކެންސަލް ކުރާއިރު ބައެއް ސަރަހައްދުތަކުން ރޭލު ދުއްވާ ސްޕީޑު ލަސްކުރުން ފަދަ ކަންތައް ކުރަންޖެހެއެވެ.

އިންޑިއާގެ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު އެކަކުން މި މަހުގެ 21 ގެ ނިޔަލަށް 3000 އަށް ވުރެ ގިނަ ރޭލު ދަތުރަށް ދުންފިނީގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ.

ދުންފިންޏާއި ބޯ ވާރޭގައިވެސް ރޭލު ދަތުރުކުރަން ފަސޭހަ ސިސްޓަމްތަކެއް ގާއިމްކުރުމުގެ މަސައްކަތް އިންޑިއާ އިން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް