ރިޔާޒު (ޑިސެމްބަރު 29): ސައުދީ އަރަބިއާއިން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ ޕްރިންސަކު ދޫކޮށްލައިފި އެވެ.
ސައުދީ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ކުރީގެ ރަސްގެފާނު އަބްދުﷲގެ ދެ ބޭފުޅުން ކަމަށްވާ ޕްރިންސް މިޝާލް ބިން އަބްދުﷲ އާއި ޕްރިންސް ފައިސަލް ބިން އަބްދުﷲ ހައްޔަރުން ދޫކޮށްލީ ފައިސާ ދެއްވަން އެއްބަސްވުމުންނެވެ.
މިދިޔަ މަހު ސައުދީ އަރަބިއާއިން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 200 އަށް ވުރެ ގިނަ ޝާޙީ އާއިލާގެ މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ވިޔަފާރިވެރިން ހައްޔަރުކޮށްފަ އެވެ. އެކޮމިޝަނުގައި އިސްކޮށް ހުންނަވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.
އެކޮމިޝަނުން ހައްޔަރު ކުރި ގިނަ އަދަދެއްގެ ޕްރިންސުން ދާދި ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެގޮތުން މިދިޔަ މަހު ދޫކޮށްލި ޕްރިންސް މުތައިބް ބިން އަބްދުﷲ ދޫކޮށްލީ އެއް ބިލިއަން ޑޮލަރު ދެއްކުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ސައުދީން އެންޓި ކޮރަޕްޝަން ކޮމިޝަން އެކުލަވާލީ އެގައުމުގެ ވަލީއަހުދު ކަމުން މުހައްމަދު ބިން ނާއިފް ދުރުކޮށް އެމަގާމަށް މުހައްމަދު ބިން ސަލްމާން އައްޔަން ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މުހައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާފައި ވަނީ ސައުދީ އަރަބިއާ އާއި އެގައުމުގެ ކުރީގެ ވެރިންގެ މައްޗަށް ބާރު ފޯރުވުމުގެ ގޮތުންނެވެ. (އަލްޖަޒީރާ)