ޕާކިސްތާނުގެ ހުއްދައާ ނުލައި އެމެރިކާއިން އެގައުމުގައި އަސްކަރީ ފިޔަވަޅު ނޭޅުމަށް އަންގައިފި

ޕާކިސްތާނުން ވަނީ އެމެރިކާއިން އެގައުމުގެ ހުއްދައާ ނުލައި ޕާކިސްތާނުގައި އަސްކަރީ ފިޔަވަޅު ނޭޅުމަށް އަންގާފަ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޑިސެމްބަރު 29): ޕާކިސްތާނުގެ ހުއްދައާ ނުލައި އެމެރިކާއިން އެގައުމުގެ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށް ޕާކިސްތާނުން އަންގައިފި އެވެ.

ޕާކިސްތާނުގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން އަސްކަރިއްޔާގެ ތަރުޖަމާނު، މޭޖާ ޖެނެރަލް އާސިފް ޣަފޫރު އެފަދައިން ވިދާޅުވީ އެގައުމުން ހަތިޔާރު އެޅި ޖަމާއަތްތައް ހުއްޓުވުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރި ފަހުންނެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ޕާކިސްތާނުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކާ ހަނގުރާމަ ކުރުމަށް އެތައް ގުރުބާނީއެއް ވެފައި އެވެ. އަދި އެމެރިކާއިން އަލް ގައިދާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޕާކިސްތާނުގެ އެހީ ނުލިބުނު ނަމަ އެމެރިކާއަށް ކާމިޔާބީ ނުލިބުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު އެފަދައިން ވިދާޅުވުމުގެ ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވަނީ ޕާކިސްތާނުން އެގައުމުގައި ތިބި ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެޖަމާއަތްތަކާ ހަނގުރާމަ ކުރުމަށް ޕާކިސްތާނާ ގުޅިގެން މަސައްކަތް ކުރަން އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ދަނީ ތަހްރީކް އީ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާއި އަލްގައިދާ ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކާ ހަނގުރާމަ ކުރަމުންނެވެ. އަދި އެގައުމުގެ އަސްކަރިއްޔާއިން ވަނީ އެޖަމާއަތްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ނަމަވެސް އެމެރިކާއިން ވަނީ ޕާކިސްތާނުން ހަނގުރާމަ ކުރަނީ ވަކި ޖަމާއަތްތަކާ ކަމަށާއި، އެމެރިކާ އާއި އަފްޣާން ސިފައިންނަށް ހަމަލާދޭ ޖަމާއަތްތައް ކަމަށްވާ އަފްޣާން ތާލިބާނާއި ހައްގާނީ ނެޓްވޯކަށް އެގައުމުން އިސްކަން ނުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް