ހަމައެކަނި ޕްރައިވެޓު ޖެޓުގައި ދަތުރުކުރަން ޓިމް ކުކްއަށް އެޕަލްއިން އަމުރުކޮށްފި

އެޕަލްގެ ސީއީއޯ ޓިމް ކުކް -- ފޮޓޯ/ މެކްޓްރާސްޓް

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް، އޮފީސް ދަތުރުތަކުގެ އިތުރުން އަމިއްލަފުޅު ދަތުރުތައްވެސް ޕްރައިވެޓު ޖެޓުތަކުގައި ކުރުމަށް އެކުންފުނިން އޭނާގެ މައްޗަށް އަމުރުކޮށްފިއެވެ.

އެޕަލްއިން ބުނީ މިއީ ސެކިއުރިޓީއާއި އެފިޝަންސީއަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް މިއަހަރު ކުރެއްވި އަމިއްލަ ދަތުރުތަކުގެ ޚަރަދުތައް 93،000 ޑޮލަރަށް އަރައެވެ. އަދި އޭނާގެ ސެކިއުރިޓީގެ ޚަރަދުތައް 224،000 އަށް ވުރެ ބޮޑު ކަމަށްވެސް އެޕަލްއިން ބުނެއެވެ.

އެޕަލްގެ ސީއީއޯގެ މަގާމުގެ މުސާރައިގެ ގޮތުގައި ޓިމް ކުކްއަށް މިއަހަރު ވަނީ ތިން މިލިޔަނަށް ވުރެ ގިނަ ޑޮލަރު ލިބިފައެވެ. އަދި ބޯނަހުގެ ގޮތުގައި 9.3 މިލިޔަން ޑޮލަރުގެ އިތުރުން، ކުންފުނިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމުން އޭނާއަށް ކުންފުނިން ދިން 89 މިލިޔަން ޑޮލަރަށްވާ ހިއްސާވެސް ވަނީ ދީފައެވެ.

އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން ނޮވެމްބަރު މަހު ހުރީ 868 ބިލިޔަން ޑޮލަރުގައެވެ. މިއާ އެކު ދުނިޔޭގެ އެންމެ އަގުބޮޑުކޮށް ހިއްސާ ޓްރޭޑުކޮށްފައިވާ ކުންފުންޏަކީ އެޕަލްއެވެ.

comment ކޮމެންޓް