އެމެރިކާއިން ތުރުކީގެ ރައްޔިތުންނަށް ވިސާ ދޫކުރުން ދެ މަސް ދުވަހަށް ހުއްޓާލާފައި އޮތުމަށްފަހު، އަނެއްކާވެސް އެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.
ތުރުކީއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގޮތުން މައްސަލަތަކެއް ކުރިމަތިވީ، ތުރުކީގައި 2016 ވަނަ އަހަރު ހިންގަން މަސައްކަތްކުރި ބަޣާވާތުގެ ފަހަތުގައި ހުރިކަމަށް ތުހުމަތުކުރެވޭ، އެގައުމުގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލަންއާ ގުޅުންހުރި ކަމަށް ބުނެ، އިސްތަންބޫލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުގެ މުވައްޒަފަކު ހައްޔަރުކުުމުންނެވެ.
މިކަމާ ގުޅިގެން އެމެރިކާއިން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، ތުރުކީ ރައްޔިތުންނަށް ނޮން-އިމިގްރަންޓް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނޮން އިމިގްރަންޓް ވިސާގެ ތެރޭގައި ހިމެނެނީ ސްޓޫޑެންޓް، ޓޫރިސްޓް، ވޯކް އަދި މީޑިއާ ވިސާއެވެ.
މިއާ އެކު ތުރުކީންވެސް ވަނީ އެމެރިކާ ރައްޔިތުންނަށް ނޮން އިމިގްރަންޓް ވިސާ ދޫކުރުން ހުއްޓާލައިފައެވެ.
ނަމަވެސް ތުރުކީ ސަރުކާރާ އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ކުރުމަށްފަހު، އެމެރިކާއިން ވަނީ ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއާއި ކޮންސިއުލޭޓުތަކުން ވިސާ ޖެހުމުގެ ޚިދުމަތް ދެވޭ ވަރަށް އެގައުމުގެ ސަލާމަތީ ކަންކަން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.
އެމެރިކާގައި ހުންނަ ތުރުކީ އެމްބަސީންވެސް ވަނީ، ތުރުކީން އެމެރިކާއަށް ވިސާ ދޫކުރުން ހުއްޓާލާފައިވާ އޮތް އޮތުން ނިމުމަކަށް ގެންނާނެކަމުގެ ޔަގީންކަން ދީފައެވެ.