އެއްފަހަރާ ތިންފަށް ވަރި ކުރުން އިންޑިއާގައި ޖިނާއީ ކުށަކަށް ހަދަނީ

އެއްފަހަރާ ތިންފަށް ވަރި ކުރުމާ ދެކޮޅަށް އިންޑިއާގެ މުސްލިމު އަންހެނުން މުޒާހަރާއެއް ކުރަނީ -- ފޮޓޯ/ އޭޕީ

އެއްފަހަރާ ތިންފަށް ވަރި ކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ.

ކައިވެނީގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގެ ނަމުގައި އިންޑިއާ ސަރުކާރުން ލޮކް ސަބާ (ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ)އަށް މިއަހަރު ހުށަހެޅި ބިލު ބުނާ ގޮތުގައި، އިންޑިއާގެ މުސްލިމުންގެ ތެރެއިން އެއްފަހަރާ ތިންފަށް ވަރި ކުރާ ފިރިން، ގިނަވެގެން ތިން އަހަރުގެ މުއްދަތަށް ޖަލަށް ލެވިދާނެއެވެ.

އެ ބިލަކީ، އެތައް އަހަރެއް ވަންދެން އިންޑިއާގެ މުސްލިމު އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކުރަމުން އައި މަސައްކަތެއްގެ ނަތީޖާގެ ގޮތުން އިންޑިއާ ސަރުކާރުން ލޮކް ސަބާއަށް ހުށަހެޅި ބިލެކެވެ.

އިސްލާމްދީނުގައި ދެމަފިރިން ވަރިކުރުމަށްފަހު ކައިވެނި ރުޖޫއަކުރެވޭ ނަމަވެސް، ތިން ފަށަށް ވަރި ކުރުމުން ކައިވެނި ރުޖޫއައެއް ނުކުރެވޭނެއެވެ. ތިންފަށް ވަރި ކުރުމަށްފަހު، ވަރިވި ދެމީހުންނަށް ކައިވެނި ކުރެވޭނީ، ވަރިކުރި އަނބިމީހާ އެހެން ފިރިހެނަކާ ކައިވެނިކޮށް، އޭނާ ކައިރިން ވަރިކުރުމަށްފަހުއެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މެޖޯރިޓީ އޮންނަ ލޮކް ސަބާއިން އެ ބިލު ފާސްވެގެން ދިޔަ ނަމަވެސް، އެ ބިލު ގާނޫނަކަށް ވާނީ ރާޖްޔާ ސަބާ (މަޖިލީހުގެ މަތިގެ)އިންވެސް ބިލު ފާސްވެ، އިންޑިއާގެ ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.

އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީންވެސް އެ ބިލަށް ތާއީދުކުރި ނަމަވެސް، އެ ޕާޓީން ބިލަށް ބައެއް އިސްލާހުތައް ހުށަހެޅިއެވެ. ނަމަވެސް ބީޖޭޕީއިން އެެ އިސްލާހުތައް ފާސްކުރިޔަ ނުދިނެވެ.

އެއްފަހަރާ ތިންފަށް ވަރި ކުރުމަކީ ތުރުކީ، ގަތަރު، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާ ފަދަ މުސްލިމު ގައުމުތަކުގައިވެސް ޖިނާއީ ކުށެކެވެ.

comment ކޮމެންޓް