އެޕަލްއާއި އެމެޒޯން ސައުދީއަށް

ސައުދީ އަންހެނަކު އައިފޯނެއް ބޭނުންކުރަނީ --- ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އެމެރިކާގެ ބޮޑު ދެ ކުންފުނި ކަމުގައިވާ އެޕަލްއާއި އެމެޒޯނުން ބަލަން ފަށައިފިއެވެ.

އެ ދެ ކުންފުނިން ބަލަމުން ދަނީ، އެކުންފުނިތަކުގެ ގޮފިތަކެއް ސައުދީ އަރަބިއްޔާގައި ގާއިމުކުރުމަށެވެ.

އިތުބާރުހުރި މަސްދަރުތަކަކާ ހަވާލައިދީ، ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި، ސައުދީގެ ސަރުކާރުގެ އިތުރުން ސައުދީގެ ފޮރިން އިންވެސްޓްމެންޓް އޮތޯރިޓީއާވެސް އެ ކުންފުނިތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިންގެ 2030 ވަނަ އަހަރުގެ ތަސައްވަރުގައި ވާގޮތަށް، ސައުދީ އަރަބިއްޔާއަކީ މެދުމިނުގެ އިސްލާމީ ގައުމަކަށް ބަދަލުކޮށް، ބޭރު ދުނިޔެއަށް އެެގައުމު ވަރަށް ބޮޑަށް ހުޅުވާލުމުގެ މަސައްކަތް ސައުދީން ދަނީ ކުރަމުންނެވެ.

އެގޮތުން، އެޕަލްއާއި އެމެޒޯނާއި، އެހެނިހެން ނަން މަޝްހޫރު ކުންފުނިތައްވެސް ސައުދީއަށް އައިސް އެގައުމުގައި އެކުންފުނިތަކުގެ ވިޔަފާރި ގާއިމުކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސައުދީ ވަލީއަހުދުގެ ތަސައްވަރުގެ ދަށުން އެގައުމުން މަސައްކަތް ކުރަމުންދެއެވެ.

ސައުދީ އަރަބިއްޔާގެ އާބާސީގެ 70 ޕަސަންޓަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި ސައުދީ އަރަބިއްޔާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ސްމާޓްފޯނާއި އިންޓަނެޓު އެންމެ ގިނައިން ބޭނުންކުރާ އެއް ގައުމެވެ.

އެޕަލްއިން ސައުދީގައި ވިޔަފާރި ގާއިމުކުރުމުގެ ފުރުސަތުތަކަށް ބަލަމުންދާ އިރު، ސައުދީގައި މިވަގުތު އެންމެ މަގުބޫލު ސްމާޓްފޯނު ބްރޭންޑަކީ އެޕަލްގެ ވާދަވެރިޔާ، ސެމްސަންގު ކަމަށް މާކެޓު ރީސާޗުތަކުން ދައްކައެވެ.

comment ކޮމެންޓް