އަންނަ ހޯމަ ދުވަހުން ފެށިގެން ކުރީގެ ފަސްރުފިޔާ އުވާލަން ރައީސް ނިންމަވައިފި

ކުރީގެ ދިވެހި ފަސް ރުފިޔާ: ހޯމަ ދުވަހުން ފެށިގެން ކުރީގެ ފަސް ރުފިޔާ ވިޔަފާރީގައި ބޭނުމެއް ނުކުރެވޭނެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގައި ބޭނުންކުރަމުންދާ ކުރީގެ ފަސް ރުފިޔާގެ ނޫޓް ލީގަލް ޓެންޑަރެއްގެ ގޮތުގައި ބަލައި ނުގަތުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވަނީ މި އަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ ފަސް ރުފިޔާގެ ނޫޓްތަކަކީ ލީގަލް ޓެންޑަރެއް ނޫންކަމަށް ކަނޑައެޅުމަށް މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާދީފައިވާތީ އަންނަ ހޯމަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރި ރަން ދިހަފަހެއްގެ އާ ފަސް ރުފިޔާގެ ނޫޓް: އަންނަ ހޯމަ ދުވަހުން ފެށިގެން ބޭނުންކުރެވޭނީ މީގެ ފަސް ރުފިޔާ -- ފައިލް ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭއިން ބުނީ ވިޔަފާރި މުއާމަލާތްތަކުގައި ފަސް ރުފިޔާގެ ކަރުދާސް ނޫޓު މި އަހަރުގެ ނިޔަލަށް ބޭނުންކުރި ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނޫޓުތަކަށް އެ ބޭންކުން ބަދަލުދޭނެ ކަމަށެވެ.

ފަސްރުފިޔާގެ ޕޮލިމާ ނޫޓް ބޭނުން ކުރަންފަށާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް" ގެ ނަމުގައި އާ ނޫޓް ސީރީޒެއް ވަނީ ތައާރަފްކޮށްފައެވެ. މި ނޫޓް ސީރީޒްގައި ހިމެނެނީ 100 ރުފިޔާ، 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާ، 20 ރުފިޔާ، 10 ރުފިޔާ އަދި ފަސް ރުފިޔާގެ ނޫޓެވެ.

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ފައިސާ ފޮއްޗެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެމްއެމްއޭ އިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ.

comment ކޮމެންޓް