ދިއްގަރު ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތައް ޝަރީޢާ ހުއްދަކުރާ އެކައުންޓް ތަކަކަށް

އާދިއްތަ ދުވަހުގެރޭގައި ދިއްގަރުގައި ކުރިއަށްގެންދިޔަ އިސްލާމިކް ފައިނޭންސްއަށް މީހުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އެމްސީއައިއެފް

އިސްލާމިކް ފައިނޭންސަށް އަހުލުވެރި ކުރުމުގެ ގޮތުން، މ. ދިއްގަރު ރަށު ކައުންސިލް މުވައްޒަފުންގެ އެކައުންޓްތައް ޝަރީޢާ ހުއްދަ ކުރާ އެކައުންޓް ތަކަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އެގޮތަށް ނިންމީ، އާދިއްތަ ދުވަހުގެ ރޭ، ދިއްގަރު ސްކޫލްގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްގައެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އާއި ދިއްގަރު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ އާންމުކޮށް ހުޅުވާލައިގެން ގެންދިޔަ ޕްރޮގްރާމެކެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލްގެ ރަޢީސް އަޙުމަދު ނިޝާން ވިދާޅުވީ އެމްސީއައިއެފް އާއި ގުޅިގެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގެ ސަބަބުން އިސްލާމިކް ފައިނޭންސްއާ ގުޅޭ ގޮތުން ނޭނގޭ އެތައް މައުލޫމާތު ތަކެއް ލިބިގެން ދިޔަ ކަމަށެވެ.

ނިޝާން ވިދާޅުވީ، ކައުންސިލްގެ ހުރިހާ މުވައްޒަފުންވެސް މިހާރު ބޭނުންވަނީ އިސްލާމިކް ފައިނޭންސްގެ އުސޫލާ އެއްގޮތައް ކުރިއަށްދާން ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެތެރޭގައި ކައުންސިލްގެ ހުރިހާ މެމްބަރުންގެ އެކައުންޓްތައް އިސްލާމިކް ބޭންކަށް ނުވަތަ ބީއެމްއެލް އިސްލާމިކަށް ބަދަކުލު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ނިޝާން ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ޕެންޝަން އޮފީހާ ގުޅިގެން މުވައްޒަފުންގެ ޕެންޝަންގެ ގޮތުގައި ޖަމާވާ ފައިސާވެސް ޝަރިއާ ޕޯޓްފޯލިއޯ އަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެމްސީއައިއެފް އިން ބުނީ ކައުންސިލްގެ އިތުރުން ދިއްގަރު ސްކޫލުގެ މުވައްޒަފުންގެ އެކައުންޓްތައްވެސް ޝަރިޢާ ހުއްދަކުރާ އެކައުންޓްތަކަކަށް ބަދަލުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމުގެ ވިސްނުން ގެންގުޅޭކަމަށެވެ.

މޯލްޑިވްސް ސެންޓަރފޯ އިސްލާމިކް ފައިނޭންސާ އެކު ދިއްގަރު ކައުންސިލުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި މިދިޔަ ހޮނިހިރު ދުވަހުވަނީ ކައުންސިލް މެދުވެރިކޮށް ޝަރިޢާ އުސޫލުން ފައިނޭންސިން ސްކީމެއް ގެންދާނެ ގޮތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރެވިފައެވެ.

comment ކޮމެންޓް