ފަވަރައިން މިހާރު 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެ

"ފަވަރަ" ގެ އާ ފީޗާ ތަކެއް--

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ"އިން ޓުރާންސްފާ ކުރެވޭ ލިމިޓު 200،000 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.

މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.

އެކަމަކު، މިއަދު ގެނެވުނު ބަދަލާ އެކު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެއެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ކުރެވޭނެއެވެ.

"ފަވަރަ"އަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޙިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ޤާއިމުކޮށްފައިވާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމެކެވެ.

ސިސްޓަމްގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ޙިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓް ނުވަތަ ވޮލެޓެއް އޮތްކަމުގައި ވިއަސް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތައް ހިންގޭނެއެވެ.

ފަވަރައިގައި ބައިވެރިވާ ބޭންކުތައް:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
  • މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
  • ބޭންކް އޮފް ސިލޯން (ބީއޯސީ)

ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. ނަމަވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދޭން އެ ކުންފުނިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް