މައިކްރޯސޮފްޓް ވިންޑޯސް ސްޓޯރުން ގޫގުލް ކްރޯމް ބޭރުކޮށްފި އެވެ.
މައިކްރޯސޮފްޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެކުންފުނީގެ ސްޓޯރުން ގޫގުލް ކްރޯމް ނެގީ އެއީ އެސްޓޯރުގެ ގަވާއިދުތަކާ ހިލާފު އެޕަކަށް ވާތީ އެވެ.
ދި ވާޖްގައިވާ ގޮތުން ދާދި ފަހުން ގޫގުލްއިން ވިންޑޯސް ސްޓޯރަށް ތައާރަފް ކުރީ ކްރޯމް އިންސްޓޯލާ އެޕެކެވެ. އޭގެއިން ދައްކައިދެނީ ގޫގުލް ކްރޯމް އިންސްޓޯލް ކުރާ ޑައުންލޯޑް ލިންކެއް އެކަންޏެވެ. އެހެންކަމުން މައިކްރޯސޮފްޓުން އެކަމާ ހިތްހަމަނުޖެހި، އެއީ ވިންޑޯސް ސްޓޯރަށް އެއްވެސް ހާއްސަ ސިފައެއް ނެތް އެޕެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން މައިކްރޯސޮފްޓުން ވަނީ ވިންޑޯސް އެޕް ސްޓޯރުގެ ގަވާއިދުތަކާ އެއްގޮތަށް އެޕެއް ހެދުމަށް ގޫގުލްއަށް ދައުވަތު ދީފަ އެވެ. ނަމަވެސް ގޫގުލް އިން އެފަދަ ކްރޯމް އެޕެއް ނަހަދާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ސަބަބަކީ ވިންޑޯސް ސްޓޯރުގައި ހުންނަ ބްރައުޒާ އެޕުތަކުގައި ބޭނުން ކުރަން ޖެހެނީ ވިންޑޯސް 10އިން ފޯރުކޮށްދޭ އެޗްޓީއެމްއެލް އާއި ޖާވާސްކްރިޕްޓް އިންޖީނަށް ވާތީ އެވެ. ނަމަވެސް ގޫގުލް ކްރޯމް އިން ބޭނުން ކުރަނީ ބްލިންކް އިންޖީން ކަމަށް ވާތީ، އެކުންފުނިން ޖެހޭނީ މައިކްރޯސޮފްޓް ސްޓޯރަށް ލާން ހާއްސަ ގޫގުލް ކްރޯމް އެޕެއް އުފައްދާށެވެ.
މައިކްރޯސޮފްޓުން އެފިޔަވަޅު އެޅުމާ ގުޅިގެން ގޫގުލްއިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.