128-9: ދުނިޔޭގެ ސުޕާޕަވަރު ސައިޒުކޮށްލި ނިންމުމެއް!

އިސްރާއިލުގެ ވެރިރިރަށުގެ ގޮތުގައި ގުދުސް އެމެރިކާއިން ބަލައިގެންފައިވާތީވެ، އެނިންމުން އަނބުރާ ގެންދިއުމަށް އެދި އދ. އެ އާންމު މަޖިލީހުގައި ވޯޓުނަގަނީ--ފޮޓޯ: އޭޕީ

އަހަރު ނިމެން ކުޑަތަން ވެފައިވަނިކޮށް މުޅި ދުނިޔޭގެ ނަޒަރު އެ ދިމާއާކަށް އަމާޒުވެގެންދިޔަ އަހަރުގެ ބޮޑު ހާދިސާއަކީ ގުދުސް މައްސަލައެވެ. އެއީ ގުދުސަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތްކަން އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕު ހާމަކުރުމުންނެވެ.

ގުދުސަކީ، އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިއުލާނުކުރީ ޑިސެމްބަރ 6 ވަނަ ދުވަހުއެވެ. އެއާއެކު މުޅި ދުނިޔެ އެކަމަށް ފާޑުކިޔާން ފެށިއެވެ. ޚާއްސަކޮށް އިސްލާމީ ގައުމުތަކުންނެވެ. އޭގެ ތެރޭގައިވެސް، މި ކުޑަކުޑަ ދިވެހިރާއްޖެ، ތުރުކީ، ޔަމަން ފަދަ ގައުމުތައް ފާހަގަކޮށްލެވެއެވެ. އަދި ދުނިޔޭގެ އެންމެ ނަންކިޔާ ގައުމުތައް ހިމެނޭ، ވަރުގަދަ ވިލާތުގެ އިއްތިހާދުންވެސް ޓްރަމްޕުގެ ނިންމުމަށް ސީސާ ދެކޮޅުހެދިއެވެ. އަދި އިސްލާމީ ދުނިޔޭގައި އެމެރިކާއާ އެންމެ ގާތްގުޅުމެއް ބާއްވަމުން އަންނަ ސައުދީ އަރަބިއްޔާއިންވެސް ގުދުސް މައްސަލައިގައި ޓްރަމްޕުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

ގުދުސްގެ މައްސަލަައިގައި އިރާނުގައ ކުރި މުޒާހަރާގައި އިސްރާއިލުގެ ދިދަ އަންދަނީ--

ގުދުސްގެ މައްސަލައިގައި މުސްލިމުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ މަންޒަރު ފެނުނެވެ. އެގޮތުން ޑިސެމްބަރ 13 ވަނަ ދުވަހު، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ)އިން ވަނީ، ޓްރަމްޕުގެ ނިންމުން އިސްލާމީ ގައުމުތަކުން ގަބޫލުނުކުރުމަށް ނިންމައިފައެވެ. އަދި އިރުމަތީ ގުދުސަކީ، ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށްވެސް ނިންމިއެވެ. ހަމައެއާއެކު ތުރުކީއާ ޔަމަނުގެ އިސްނެގުމުގެ މަތީން، ގުދުސްއާ މެދު އެމެރިކާގެ ނިންމުން އަނބުރާ ގެންދިއުމާއި، ގުދުސުގައި އެމްބަސީތައް ގާއިމު ނުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ގަރާރެއް ވެއްދިއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭން ވަނީ އެ ގަރާރު ކޯސްޕޮންސަރކޮށްފައެވެ.

އެމެރިކާގެ ނިންމުން ބޮލާލައިޖަހައި އދ.ގެ އާންމު މަޖިލީހުގައި އެ ނިންމުމާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އަދަބު ދޭނޭކަމުގެ އިންޒާރު އެމެރިކާއިން ދިނެވެ. އެހެން ނަމަވެސް ދުނިޔޭގެ އަޣުލަބިއްޔަތު އޮތީ ޓްރަމްޕުގެ ނިންމުމާ ސީދާ ދެކޮޅަށެވެ. އެގޮތުން، ޑިސެމްބަރ 21 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި އެމެރިކާއާ ދެކޮޅަށް 128 ގައުމަކުން ވޯޓުދިންއިރު، އެގައުމާ އެއްކޮޅަށް ލިބިފައިވަނީ، އެންމެ 9 ވޯޓެވެ. އެއީ އެމެރިކާއާ އިސްރާއިލްގެ ވޯޓު ވެސް ހިމެނޭގޮތަށެވެ. 35 ގައުމަކުން ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާކަމަށް ބުނިއިރު، 21 ގައުމަކުން ވޯޓުގައި ބައިވެރި ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

މިހާހިސާބުން އެމެރިކާއަށް އެގައުމުގެ ސައިޒު އެނގިއްޖެއެވެ. އަދި 128 ގައުމާ ދޭތެރޭގައި އެމެރިކާއިން ހާއްސަ ނަޒަރކުން ބަލަމުން ދާނޭކަމުގެ އިންޒާރުވެސް ދިނެއެވެ. އަދި އެމެރިކާއާ އެއްކޮޅަށް، 64 ގައުމު އޮތްކަމަށް ބުނެ، އެ ގައުމުތަކަށް ޝުކުރުގެ މެސެއްޖެއްވެސް ވަނީ ފޮނުވައިފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެގައުމުން މަސައްކަތްކުރާތާ އެތަކެއް އަހަރު ވެއްޖެއެވެ. އަދި އިސްރާއީލު އުފެދުނުތާވެސް މިހާރު 67 އަހަރު ވެގެން ދިޔައީއެވެ. އެއީ އިނގިރޭސީންގެ އިސްތިއުމާރަށް ފަހު، 4 މެއި 1948 ގައި އެމީހުން ވަނީ ޔަހޫދީންގެ އަތްމައްޗަށް ފަލަސްޠީނު ދޫކޮށްލައިފައެވެ. ނަތީޖާއެއްގެ ގޮތުން 1948 ވަނަ އަހަރު މެއިމަހުގެ 14 ވަނަ ދުވަހު، ފަލަސްތީނު ބިމުގެ ހަތަރު ބައިކުޅަ ތިން ބައި ހިމެނޭގޮތަށް، އިސްރާއީލު ދައުލަތެއް އުފެދުނެވެ. އެހެން ނަމަވެސް، އެ ބިމުގެ ހަގީގީ އަހުލުވެރީންކަމަށްވާ އަރަބި މުސްލިމުންނަށް އެމީހުންގެ ދައުލަތެއް ނުއުފެއްދުނެވެ.

އދގެ ޖެނެރަލް އެސެމްބްލީގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަފުޅު ދައްކަވަނީ

ފަލަސްޠީނާއި ޤުދުސަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖޫރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ހާދިސާތަކުގެ ސަބަބުން، ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ މެދުގައި މިއީ ވަރަށް މަތިވެރި ބިމެކެވެ. ޚާއްސަކޮށް، ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއަކީ، ފަލަސްޠީނުގައި ހުރި މުސްލިމުންގެ ވަރަށް މުޤައްދަސް ތަނެކެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ.

އިސްރާއީލުން ދައުލަތެއް އުފެއްދުމަށްފަހު، ފަލަސްތީނަށް އޭރު ލިބިފައިވާ ބިންކޮޅުވެސް އިސްތިއުމާރުކުރާން ފެށީއެވެ. އެގޮތުން 1967 ވަނަ އަހަރު އިސްރާއީލާ އަރަބީންނާ ދެމެދު ހިނގި މަޝްހޫރު ހަދުވަހުގެ ހަނގުރާމައިގައި، އެމީހުން ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް ވެސް ހިފާފައެވެ.

މި ފޮޓޯގައި ކައިރިން އެފެންނަނީ އަލް މަސްޖިދުލް ޢަޤްސާ، ދުރުން އެފެންނަނީ ޤުއްބަތުއްސަޚްރާ ނުވަތަ މަޝްހޫރު ރަން ގުއްބުލީ މިސްކިތް ---

އިސްރާއީލަކީ ދުނިޔޭގެ އެއްވެސް ގޮވާލުމަކަށް ބޯލަނބާ ދައުލަތެއް ނޫނެވެ. އިސްރާއީލުން 1967 ވަނަ އަހަރު ހިފި ބިންތަކުން ފޭބުމަށް އ.ދ. އިން އެ ޤައުމަށް ގޮވާލާފައިވާ އިރު ވެސް އިސްރާއީލުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ސަބަބަކީ އިސްރާއީލުގެ ލާއިންސާނީ އެތަކެއް ޖަރީމާތަކާއެކު އެމީހުން ފަލަސްތީނުގެ ބިންތައް ފޭރެމުންދާއިރު ވެސް އެކަމަށް އެންމެ ބޮޑު ހިތްވަރެއްދީ، މަދަދު ފޯރުކޮށްދެނީ ދުނިޔޭގެ ސުޕަރ ޕަވަރުގެ ގޮތުގައި މުޅި ދުނިޔެއަށް ހަންފަތުރަމުންދާ އެމެރިކާކަމަށް ވާތީއެވެ.

މެދުއިރުމައްޗަށް ހަމަޖެހުން ގެނެސް، އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެމެރިކާ އިސްވެ އޮވެ ހުވަފެން ދައްކާތާ ޒަމާންތަކެއް ވިއެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެންވެސް ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމެއް ނުލިބެއެވެ. އެކަމަކު އެބައިމީހުންގެ އަމިއްލަ ބިމުގައި ޔަހޫދީ އިސްރާއީލްގެ ދައުލަތެއް އުފައްދައިފިއެވެ. އަދި އެ ބިމެއް، ދުނިޔޭގެ އެންމެހައި މުސްލިމުންގެ ލެޔާ ގުޅިފައިވާ، ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައިވެސް އެންމެ ފަހުން އެމެރިކާއިން ކަނޑައެޅީއެވެ. ނަމަވެސް އެމެރިކާގެ މި ނިންމުމާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމަކާއެކު ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކެއްވެސް ތެދުވީއެވެ.

comment ކޮމެންޓް