އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ހުޅުލެ އަށް ފައިބައިވަޑައިގަންނަވަނީ ---ފައިލް ފޮޓޯ/ ރައީސް އޮފީސް

ނ. ބައެއް ރަށްރަށަށާއި ޅ. ހިންނަވަރަށާއި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނު އެ ދަތުރުފުޅު ފެއްޓެވީ މިއަދު ހެނދުނުއެ ވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ނ. މާޅެންދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވާނެ ކަމަށެވެ. އަދި ހެނބަދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ނ. އަތޮޅުން ރައީސްގެ އެންމެ ފަހު މަންޒިލަކަށް ވާނީ އެ އަތޮޅު ހޮޅުދޫ އަދި ވެލިދޫ އެވެ. އެ ދެ ރަށުގައި ވެސް ރަސްމީކޮށް ބަނދަރު ހުޅުވުން އޮންނާނެ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޅ. ހިންނަވަރަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރަށަށް ވަޑައިގެން ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބ. އަތޮޅަށް ރައީސް ކުރައްވާ ޒިޔާރަތުގައި ކެންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ރައީސް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަށުގެ ބޯފެނުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ އަތޮޅުގެ އެންމެ ބޮޑު ރަށް އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އެ ދަތުރުފުޅުގައި ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ފާހަގަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް