ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ސަން މީޑިއާ ގުރޫޕުން " މޯލްޑިވް އައިލެންޑްސް" ގެ ނަމުގައި މަޖައްލާއެއް ނެރެފިއެވެ.
މިއަދު ހަވީރު ސްޓެލްކޯ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޖައްލާ ނެރެދެއްވީ ސަން ސިޔާމް އަދި ސަން މީޑިއާ ގުރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސިޔާމް މުހައްމަދެވެ.
މިއަދު ނެރުނު "މޯލްޑިވް އައިލެންޑްސް" މަޖައްލާއާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕްގެ ޗީފް އޮޕަރޭޓިންގް އޮފިސަރު އަދި އެ މަޖައްލާގެ މެނޭޖިންގ އެޑިޓަރު މިންހާ ފާއިޒް ވިދާޅުވީ މޯލްޑިވް އައިލެންޑްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ރަހަތައް އެންމެ ފެންވަރު ރަނގަޅުކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ސަން މީޑިއާ ގުރޫޕުން ނެރެން ފެށި މަޖައްލާއެއް ކަމަށެވެ.
"މޯލްޑިވް އައިލެންޑްސް" މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ސަމާހް
"މޯލްޑިވް އައިލެންޑްސް އަކީ ހުރިހާ ގޮތަކުންވެސް ތަފާތު މަޖައްލާއެއް. މި މަޖައްލާއިން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ރަހައެއް ތާޒާ ކަމާ އެކު ލިބެމުންދާނެ." މިންހާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ "މޯލްޑިވް އައިލެންޑްސް" މަޖައްލާއިން ގެނެސްދޭ ކޮންމެ މައުލޫމާތަކީ ވެސް ހާއްސަ މައުލޫމާތު ތަކެއް ކަމަށާއި ކޮންމެ ދާއިރާއަކުންވެސް ލިޔުންތައް ލިޔާނީ އެ ދާއިރާއަކަށް ހާއްސަ ލިޔުންތެރިން ކަމަށެވެ.
"މޯލްޑިވްސް އައިލެންޑްސް ގެ އެންމެ ޚާއްސަ ކަމަކީ، މި މަޖައްލާގައި ހިމެނިފައިވާ ކޮންމެ ލިޔުމަކީވެސް އެ ދާއިރާއަކަށް ހާއްސަ ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމެއް ކަމަށްވުން. މިސާލަކަށް ރާއްޖޭގެ ތާރީހާއި ބެހޭ ލިޔުމެއް ނުވަތަ ސިއްހީ މައުލޫމާތެއް ލިޔާ ނަމަވެސް ލިޔާނީ އެ ދާއިރާއަށް ހާއްސަ ލިޔުންތެރިން،" މިންހާ ވިދާޅުވިއެވެ.
"މޯލްޑިވް އައިލެންޑްސް" މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ސަމާހް
ކޮންމެ މަހަކު އެއްފަހަރު ނެރެން ހަމަޖެހިފައިވާ މަޖައްލާއާ ގުޅޭ ގޮތުން މިންހާ ވިދާޅުވީ އެ މަޖައްލާ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ގެ ފްލައިޓް ތަކުންނާއި އެ އެއާލައިންގެ ލައުންޖް ތަކުގައި ކިޔާލަން ލިބެން ހުންނާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާއި ގުޅުން ހުރި އެކިއެކި ތަންތަނުގައި ވެސް މަޖައްލާ ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ހާއްސަ ޕާޓްނަރު ކަމަށްވާ މޯލްޑިވިއަންގެ ފްލައިޓް ތަކުގައި މި މަޖައްލާ ހުންނާނެ. އަދި ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ތަންތާގައި ވެސް މި މަޖައްލާ ކިޔައިލަން ލިބެން ހުންނާނެ،" މިންހާ ވިދާޅުވިއެވެ.
މިންހާ ވިދާޅުވީ މިހާރުވެސް އެ މަޖައްލާއާށް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މަޖައްލާ ސްޕޮންސާ ކުރަން ބޭނުންވާ ވިޔަފަރިތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
"މޯލްޑިވް އައިލެންޑްސް" މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު ސަމާހް
މިހާރުވެސް ދިވެހި ބަހުން ކޮންމެ މަހަކު ހާއްސަ މެގަޒިން އެއް ނެރެމުން އަންނަ ސަންގެ " މޯލްޑިވް އައިލެންޑްސް"ގެ ފުރަތަމަ އަދަދު މިއަދު ނެރުނު އިރު އޭގައި ރާއްޖޭގެ ތާރީހާއި ގުޅޭ މުހިންމު މައުލޫމާތު ތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ބައެއް ބޭފުޅުންގެ މައުލޫމާތުގެ އިތުރުން އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އުރުވަޝީ ރައުޓެލާގެ ހާއްސަ ބަސްދީގަތުމެއްވެސް ހިމަނާފައިވެ އެވެ.
" މޯލްޑިވް އައިލެންޑްސް" އަކީ ސަން މީޑިއާގެ ކުޑައިގެ ދަށުން ނެރުނު 9 ވަނަ ބްރޭންޑެވެ. މި އަހަރުގެ ކުރީކޮޅު ސަން މީޑިއާއިން ވަނީ "ސަން ޕްލޭ"ގެ ނަމުގައި އޮންލައިންކޮށް ވީޑިއޯ ބެލޭނެ ޕްލެޓްފޯމެއް ވެސް ތައާރަފުކޮށްފައެވެ. "ސަން ޕްލޭ" އަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ.
ސަން މީޑިއާ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް މީޑިއާ ސްޓޭޝަން އެވެ.