ސަން ސިޔާމް ގްރޫޕުގެ ފަރާތުން 3 ލައްކަ ޑޮލަރުގެ އެހީ ލަންކާއަށް ދީފި

ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރުގެ އެހީއާއި، ކުންފުނީގެ ފަރާތުން އެއްކުރި އެއްލައްކަ ޑޮލަރުގެ އެހީ ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

މުޅި ސަން ސިޔާމް ގްރޫޕުގެ ފަރާތުން ޖުމްލަ 301،701 ޑޮލަރުގެ އެހީ އަވައްޓެރި ލަންކާއަށް މިއަދު ހަވާލުކޮށްފިއެވެ.

މިދިޔަ މަހުގެ މެދުތެރޭ ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލި، އާންމު އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އިގްތިޞާދީ ގޮތުން ލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގުދުރަތީ މިފަދަ ކާރިސާއަކުން ލިބުނު ބޮޑު ގެއްލުމާއެކު ލަންކާ އޮތީ ދުނިޔޭގެ އެހީއަށް ބޭނުންވެފައެވެ.

އެއާއެކު ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދުގެ އިސްނެންގެވުމާއެކު، އެ މަނިކުފާނުގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއްގައާއި، ކުންފުނިތަކުގައި ވަނީ ފައިސާގެ އެހީ އެއްކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިޔާމްގެ އަމިއްލަ ނަންފުޅުގައި ދެ ލައްކަ ޑޮލަރުގެ އެހީ ދެއްވަން ނިންމަވައި، މިދިޔަ މަހު އޭގެ ތެރެއިން 75،000 ޑޮލަރު ވަނީ ހަވާލު ވެސް ކުރައްވައިފައެވެ.

ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރުގެ އެހީއާއި، ކުންފުނީގެ ފަރާތުން އެއްކުރި އެއްލައްކަ ޑޮލަރުގެ އެހީ ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

ސަން ސިޔާމް ކުންފުނީގެ މައި އޮފީހުގައި، ރިސޯޓުތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނޭހެން މިއަދު އޮތް ޚާއްސަ ހަފުލާއެއްގައި ވަނީ އެ ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން އެއްކުރި ޖުމްލަ އެހީ، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަންއާ ހަވާލުކޮށްދެއްވައިފައެވެ. އެގޮތުން ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން ޖުމުލަ 101،701 ޑޮލަރު ވަނީ އެއްކޮށްފައެވެ. މީގެ އިތުރުން މިއަދު ވަނީ ސިޔާމްގެ ފަރާތްޕުޅުން ދެއްވާ ދެލައްކަ ޑޮލަރުގެ ތެރެއިން ބާކީކަމަށްވާ، 125،000 ޑޮލަރު ވެސް ރަސްމީކޮށް ހަދިޔާކުރައްވައިފައެވެ.

އެހެންކަމުން މުޅި ސަން ސިޔާމް ގްރޫޕުގެ ފަރާތުން ޖުމްލަ 301،701 ޑޮލަރުގެ އެހީ ލަންކާއަށް ވަނީ ފޯރުކޮށްދީފައެވެ.

https://sun.mv/215449

މި ހަފުލާގައި ވާހަކަދައްކަވަމުން ސިޔާމް ވަނީ، ލަންކާއަށް އެހީވުމަށް ސަން ސިޔާމް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

"އިރާދަކުރެއްވިއްޔާ މިއަދު ތިބޭފުޅުން ތި ދެއްވި އެހީތެރިކަން ވެގެންދާނީ ސިލޯނުގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ވަރަށް ބޮޑު އެހީއަކަށް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރުގެ އެހީއާއި، ކުންފުނީގެ ފަރާތުން އެއްކުރި އެއްލައްކަ ޑޮލަރުގެ އެހީ ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

ސަން ސިޔާމް ކުންފުންޏަށް ޝުކުރު އަދާކުރައްވަމުން ސަފީރު ރިޒްވީ ވިދާޅުވީ، މިހާ ކުޑަ މުއްދަތެއްގެ ތެރޭ މިހާ ބޮޑު އެހީތެރިކަމެއް ދެއްވުމުން ހާމަވަނީ ކުންފުނީގެ ދީލަތިކަމާއި، ލަންކާއާ އޮތް ގާތް ގުޅުން ކަމަށެވެ. އަދި ލަންކާ ރައްޔިތުން މި އެހީ ބަލައިގަންނަ ކަމަށާއި މިއީ އަލުން އެ ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރަން ލިބޭ ވަރަށް ބޮޑު އެހީއެއްކަމަށް ފާހަގަކުރެއްވިއެވެ.

ސްރީލަންކާއަކީ ސަން ސިޔާމް ކުންފުނީގެ ރިސޯޓެއް ހިންގަމުން އަންނަ ގައުމެކެވެ. ސްރީ ލަންކާގައި ހިންގާ ފަސް ތަރީގެ ލަގްޒަރީ ރިޒޯޓެއް ކަމަށްވާ ސަން ސިޔާމް ޕާސިކުޑާއިން ވަނީ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން ބެސްޓް އޮފް ދަ ބެސްޓް އެވޯޑް ވެސް ހާސިލުކޮށްފައެވެ.

comment ކޮމެންޓް