ފިލްމު އެވޯޑްސް ނިމުނު އިރު ސީނިއާ ފަންނާނުން "ބަސްހުއްޓިފައި"!

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދި ވާށޭ މަށާ އެކީ އަށް އެވޯު ހަވާލުކޮށްދިނުން --- ސަން ފޮޓޯ މުހައްމަދު އަފްރާހު

ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އަދި ހަމައެކަނި އެވޯޑު ހަފުލާ ނިމިގެން ދިޔައިރު އެ ހަފްލާއަށް ދިޔަ ތަރިންގެ ހެދުން ފިޔަވައި އިތުރު "ވިދުމެއް" ހަފްލާ އަކުން ނުފެނުނެވެ. އެވޯޑު ހަފްލާ ފެށިގެން ނިމުނު އިރު އޮލިމްޕަހުގެ ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ. ދާއިރާގެ ގިނަ ފަންނާނުން އެވޯޑް ހަފްލާއަށް ނުދިއުމަކީ އެ ހަފްލާއަށް ލިބުނު ފަނޑުކަމެކެވެ.

އެވޯޑު ހަފްލާއަށް ތައްޔާރުވުމަށް އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާނު ކުރި ހިސާބުން އެ ހަފްލާއަށް ވާނެ ގޮތް އަންދާޒާކޮށްލެވުނެވެ. ކަންވީ ހީކުރި ގޮތަށެވެ. ދިވެހި ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާ ބޯއިކޮޓް ކުރުމަށް ދާއިރާގެ އެންމެ ފުންނާބުއުސް ބައެއް ފަންނާނުން ނިންމިއެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގެ ރެޑްކާޕެޓް. ހީކުރި ވަރަށްވުރެ އެވޯޑް ހަފްލާ "ވަނދު" ކަން ގިނަ ބަޔަކު ފާހަގަ ކުރޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަށްވަނަ ފިލްމު އެވޯޑު ހަފްލާ ނިމިގެން ދިޔައިރު އެ ހަފްލާއާ މެދު ފިލްމީ ދާއިރާގެ ގިނަ ތަރިން "ބުނާނެ އެއްޗެއް ނެތެ"ވެ. ނޯކޮމެންޓްގައި ބައެއް ތަރިން ތިބި އިރު އަނެއް ބަޔަކު ބުނަނީ ނޮމިނޭޝަންތައް އިއުލާނުކުރި ހިސާބުން އެވޯޑުތައް ދޭނެ މީހުންވެސް ޔަގީންވި ކަމަށެވެ.

ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ އެވޯޑު ހަފްލާގައި އެވޯޑުތައް ދިން އިރު އެއީ "ސަޕްރައިޒަކަށް ނުވި" ކަމަށެވެ. ނޮމިނޭޝަންތައް އިއުލާނު ކުރި ހިސާބުން ދެން ވާނެ ގޮތް އެނގުނު ކަމަށް ނަހުލާ ބުންޏެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމު އެވޯޑުގެ ނޮމިނޭޝަންތަކާ ގުޅޭ ގޮތުން މީގެ ކުރިން ދިން އިންޓަވިއު އެއްގައިވެސް ނަހުލާ ވަނީ އެކަން ފާހަގަކޮށްފައެވެ. ހާއްސަކޮށް އޭނާގެ ފިލްމު "4426" އަށް ކުރި މަސައްކަތްތަކާ ބަލާފައި މުހިއްމު އެއްވެސް އެވޯޑަކަށް ފިލްމު ނޮމިނޭޓު ވެފައި ނުވާތީ އޭނާ ވަނީ އެވޯޑުގެ ޖަޖުންގެ "ނަޒާހަތްތެރިކަމާމެދު" ވެސް ސުވާލު އުފައްދައިފައެވެ.

ފިލްމު އެވޯޑުގެ ނޮމިނޭޝަންތައް އިއުލާނު ކުރި އިރު ޖަޖުންގެ ލޮލުގައި 4426 އަޅައި ނުގަތުމުން ނަހުލާ އޭރު ހުރީ ވަރަށް ހައިރާންވެފައެވެ. ޚާއްސަކޮށް ފިލްމުގެ ސްކްރިޕްޓަށް ކުރި މަސައްކަތާ، ފިލްމުގެ ލީޑް ތަރި މަރިޔަމް އައްޒަ އަދި ސަޕޯޓިން އެކްޓްރެސް ޝީލާ ނަޖީބުގެ އެކްޓިން، ޖަޖުންނަށް ކަމު ނުދިޔުމުންވެސް ނަހުލާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ސާކް ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި ރިޝްމީ. ރިޝްމީ ބުނީ ޖަޖުންގެ ނިންމުންތައް ގަބޫލު ކުރާ ކަމަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސާކް ސަރަހައްދުގެ އެންމެ މޮޅު ބަތަލާ ރިޝްމީ ރަމީޒުގެ ހިޔާލު ހޯދާލުމަށް ރިޝްމީއަށް ގުޅާ ލުމުން އޭނާ ބުނީ "ޖަޖުންގެ ނިންމުމާމެދު ބުނާނެ އެއްޗެއް ނެތް ކަމަށާއި، ޖަޖުންގެ ނިންމުން ބަލައިގަންނަ" ކަމަށެވެ. ރިޝްމީ ވަނީ "މިކޮއި ބައްޕަ ބައެ ބައެ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކޮށްފައެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ރިޝްމީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފައިވާއިރު، ރިޝްމީ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑުގެ އެންމެ ގިނަ އެވޯޑުތައް ގެންދިޔައީ ޑާކްރެއިން އެންޓަޓެއިންމެންޓުން ނެވެ. ފީޗާ ފިލްމާއި ކުރު ފިލްމުގެ ކެޓަގަރީގައިވެސް އެންމެ ކުރީގައި ހިމެނުނީ ޑާކްރެއިންގެ އުފެއްދުންތަކެވެ. އެވޯޑު ހަލްފާ އާއި ގުޅޭ ގޮތުން ޑާކްރެއިންގެ މުހައްމަދު އަލީ (މޮގާ) ބުނީ އެވޯޑުތަކަށް އުއްމީދު ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެވޯޑު ހަފްލާގައި ދިން އެވޯޑުތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓު އެވޯޑު ޑާކްރެއިނުން ގެންދިޔައިރު އެ ހުރިހާ އެވޯޑެއް ލިބޭނެ ކަމަށް ހީ ނުކުރާ ކަމަށާއި ނަމަވެސް ބައެއް އެވޯޑުތަކަށް ވަރަށް ބޮޑަށް އުއްމީދު ކުރެވުނުކަމަށް މޮގާ ބުންޏެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދި ވާށޭ މަށާ އެކީގެ ޑައިރެކްޓަރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމު އެވޯޑުގެ އެންމެ މޮޅު ބަތަލް އަދި ބަތަލާގެ އެވޯޑު ހާސިލްކުރި މަރިޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލުގެ މަސައްކަތާ ގުޅޭގޮތުން މޮގާ ބުނީ "އެއީ ވަރަށް އުއްމީދީ ދެ ތަރިން" ކަމަށެވެ. ޖުމައްޔިލް އާއި މަޖުދާ އަކީ މަސައްކަތަށް ފަރުވާތެރި، ޑިސިޕްލިންޑް ތަރިންތަކެއް ކަމަށާއި، ވަރަށް އުއްމީދީ ތަރިންތަކެއް ކަމަށްވެސް މޮގާ ބުންޏެވެ.

މަޖުދާ އަށާއި ޖުމައްޔިލްއަށް އެންމެ މޮޅު އެކްޓަރުންގެ އެވޯޑު ލިބުނީ ޑާކްރެއިން ގެ "ވާށޭ މަށާއެކީ" އިންނެވެ. އެ ފިލްމަކީ އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑުވެސް ގެންދިޔަ ފިލްމެވެ. ވާށޭ މަށާ އެކީ އަށް ޖުމްލަ ނުވަ އެވޯޑު ލިބުނެވެ.

ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށް، ނަމަވެސް ފިލްމީ ދާއިރާ އިން "ރިޓަޔާ" ވެގެންހުރި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހުގެ ހިޔާލެއް ލިބޭތޯވެސް ބަލާލީމެވެ، ނަމަވެސް ފައްތާހު މިހާރު ހުރީ ފިލްމީ ދާއިރާ އަށް "އުމުރަށް ސަލާން" ކިޔައިގެންނެވެ. ފައްތާހު ބުނީ ފިލްމީ ދާއިރާގެ ކަމަކާ ގުޅޭގޮތުންނަމަ އޭނާގެ "ނޯ ކޮމެންޓު" ކަމަށެވެ. މީގެ އިތުރުންވެސް ބައެއް ތަރިންބުނީީ މި ހަފްލާ އާއި އެވޯޑު ތަކާމެދު ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ރެޑް ކާޕެޓް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމު އެވޯޑު ހަފްލާއިން ފެނުނު މަންޒަރަކީ މިހާރު ދިވެހި ފިލްމީ ދާއިރާ އޮތް "ހާލަތެވެ." ފެނިގެން ދިޔައީ ދާއިރާގެ ސީނިއާ ގިނަ ތަރިންނާ ވާދަކޮށް ޒުވާން އާމޫނުތަކަށް އެވޯޑުތައް ލިބިގެންދިޔަ ތަނެވެ. މިއިން ދޭހަވަނީ ފިލްމީ ދާއިރާ ކުރިން އޮތް ހާލަތުން އެއަށްވުރެ "ދަށަށް" ދިއުން ހެއްޔެވެ؟ ނޫނީ އެވޯޑުތައް "ބަހާލުމުގައި" މައްސަލައެއް އުޅެނީ ހެއްޔެވެ؟ ނޫނީ އަލަށް ތައާރަފުވަމުން އަންނަ ތަރިން ތަޖުރިބާހުރި ފަންނާނުންނަށްވުރެ ހަމަ "މޮޅީ" ހެއްޔެވެ؟

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ކުރީ ސަފުން ފެނިގެންދިޔައީ ހުސް ސިޔާސީ ބޭފުޅުން. ހަފްލާގައި ހުސް ގޮނޑި ގިނަކަން ވެސް ފާހަގަ ކުރެވުނު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމީ ދާއިރާގެ ބޮޑު އެވޯޑު ހަފްލާއެއް ފެށިގެން ނިމުނު އިރު ހަފްލާގެ ކުރީ ސަފުން ފެނިގެން ދިޔައީ ހުސް ސިޔާސީ ބޭފުޅުންނެވެ. ފިލްމީ ދާއިރާ އާއި ގުޅުންހުރި ބޭފުޅަކަށް އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެކަންޏެވެ. ދެން ތިއްބެވީ ހުސް ސިޔާސީ ދާއިރާގެ ފަރާތްތަކެވެ.

ފިލްމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ފަރާތްތައް ނުފެނުނު އިރު އެ ހަފްލާ އަކީ "ރާއްޖޭގައި ދެވޭ ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑުހެން" ހީވެސް ނުވެއެވެ. ތަރިން އުއްމީދުކޮށްގެން ތިބިފަދަ، ދާއިރާއާ ގުޅުން ހުރި އުފާވެރި ޚަބަރެއްވެސް އެވޯޑު ހަފްލާގެ ތެރެއިން އިވިގެން ނުދިޔައެވެ.

comment ކޮމެންޓް