މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވެއްޖެ

މެލޭޝިއާ ގައި ރާއްޖޭގެ ކަލްޗްރަލް ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން --- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި މިއަދު ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ތެރެއިން "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ދަ އެސްޓަބްލިޝްމެންޓް އޮފް ދަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ އިން މެލޭޝިޔާ"ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމާއި، މެލޭޝިޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދާތޯ ސްރީ ރީޒަލް މެރިކަން ނައިނާ މެރިކަން އެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް ގޮސް އުޅޭ، އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމަކަށް ވާއިރު އެގައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމް ކުރެވުމަކީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެގައުމުގެ އިސްވެރިން ދެއްވި ސްޓޭޓްމެންޓްގައި ރައީސް ޔާމީން ވިދާޅުވީ، ޒުވާނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، ދެގައުމުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޮޑުވަޒީރު ނަޖީބު ރައްޒާގާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

ޚާއްސަ ގޮތެއްގައި ކުޅިވަރުގެ ދާއިރާއިން މެލޭޝިއާގެ އެހީތެރިކަން ދިވެހި ޒުވާނުންނަށް ދިނުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް