ސްރީލަންކާގެ ބޮންޑް އިންޓަނޭޝަނަލް ސްކޫލުން ރާއްޖޭގެ ދަރިވަރުންނަށް ޑިސްކައުންޓް ދިނުމަށް އެއްބަސްވެއްޖެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ސޯސަން ވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އާއި ބޮންޑް އިންޓަރނޭޝަނަލް ސްކޫލް އާ ދެމެދު މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުުގެ ދަށުން އެމްއީސީސީ މެދުވެރިކޮށް ބޮންޑް އިންޓަރނޭޝަނަލް ސްކޫލަށް ވަންނަން ހުށަހަޅާ ދިވެހި ދަރިވަރުންނަށް އެޑްމިޝަން ފީ އިން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.
މިއަދު އެމްއީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ހުސައިން ޝަރީފެވެ. އަދި ބޮންޑް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ސީއީއޯ އަދި ޕްރިންސިޕަލް މިސްޓަރ އާނަންދަ ރޮބިންސަން އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން މާޒިން ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން ދިވެހީންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޑިސްކައުންޓްގެ އިތުރުން ކޯސް ފީ ދައްކަން އުނދަގޫވެއްޖެ ހާލަތެއްގައި އިންސްޓޯލްމެންޓަށް ދެއްކޭނެ އިންތިޒާމް އެ ސްކޫލުން ދިވެހިންނަށް ފަހި ކޮށްދޭނެ ކަމަށް މާޒިން ވިދާޅުވިއެވެ.
ބޮންޑް އިންޓަނޭޝަނަލް ސްކޫލުގައި އޯލެވެލް އަށް ޚާއްސަ ކްލާސް ތަކެއްވެސް ހިންގައެވެ. މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން އެކްލާސް ތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހި ދަރިވަރުންނަށް 25 ޕަސެންޓްގެ ގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ބޮންޑް އިންޓަނޭޝަނަލް ސްކޫލަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ޚާއްސަ ސަމާލުކަމެއް ދީގެން ތައުލީމު ކުރިއަރުވާ ސްކޫލެކެވެ. އަދި މިރޮގުން ދިވެހި ކުދިންނަށް އިންޓާންޝިޕްސް ހެދުމުގެ ފުރުސަތު އެ އެމްއޯޔޫގެ ސަބަބުން ލިބިގެންދާނެކަމަށް މާޒިން ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެމްއީސީސީ ވަނީ ސްރީލަންކާގެ ދެ ކޮލެޖަކާއެކު އެމްއޯޔޫގައި ސޮއި ކޮށްފައެވެ. އެއީ މެޓްރޯޕޮލިޓަން ކޮލެޖާއި ސްޕެކްޓްރަމް ކޮލެޖެވެ. މިފަދަ އެމްއޯޔޫތަކުގެ މަގްސަދަކީ އެމްއީސީސީ އިިން ދޭ ޚިދުމަތްތަކުގެ އިތުރުން ލަންކާގައި ދިވެހި ކުދިން ކިޔަވާ ކޮލެޖްތަކާއި ސްކޫލުތަކާ ދެމެދު ގުޅުން ބަދަހިކުރުން ކަމަށް މާޒިންް ވިދާޅުވިއެވެ.