ކުރީގެ ސްޕޯޓްސް ކޮމިޝަނަރަށް އެމްޕީއެލް ޑެޕިއުޓީ ހާބާ މާސްޓަރުކަން ދެއްވައިފި

ކުރީގެ ކޮމިޝަނަރު އޮފް ސްޕޯޓްސް އަހުމަދު ނަޝީދު----ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދެއްވި އަހްމަދު ނަޝީދު (ޑޭވް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ހާބާ މާސްޓާރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

އެއީ އޭނާ ކަމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް އައުމުގެ ކުރިން ވެސް އަދާ ކުރައްވަމުން ގެންދިޔަ މަގާމެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމްޕީއެލްގެ ޕައިލޮޓޭޖް އެންޑް މެރިން ސާވިސް ޑިޕާޓްމަންޓް ދެން ހިނގާނީ ޑޭވްގެ ބެލުމުގެ ދަށުންނެވެ.

އާއިލާއަށް ވަގުތު ދިނުމުގެ ބޭނުމުގައި ޑޭވް މަގާމުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިސްތިއުފާ ދެއްވި އިރު އޭނާ އެމްޕީއެލްއަށް ނުކުންނަވަން ފައްޓަވާފައި ވަނީ އެ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ޑޭވް މީގެ ކުރިން "ސަން" އަށް ވިދާޅުވީ ކަމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދެއްވި ކަމަކު އޭނާ ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ކަމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދެއްވަމުން ޑޭވް ވިދާޅުވީ ފާއިތުވި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ރާއްޖޭގެ ފުރަތަމަ ކަމިޝަނަރު އޮފް ސްޕޯޓްސް އަށް ވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.

" މަގާމުން އިސްތުފާދީފިން. މިވަގުތު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އިތުރަށް ނެތީ މަގާމުގައި ހުރެވެން. އެއްވެސް މައްސަލައެއް ދިމައެއްނުވޭ. ސަރުކާރަށް ޚިދުމަތްކުރުމުގައި ދެމި ހުންނާނަން. އެހެން މަގާމަކުން ފެނިދާނެ،" ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ ރާއްޖޭގެ ހުރިހާ ޒުވާނުންނާއި ކުޅިވަރު ކުރިއެރުން އެދޭ ކަމަށެވެ. އަދި މަގާމްގައި ހުރިއިރު އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަަމަށެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް