ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައިވާ ސާޖެންޓް މޭޖާ ނައުޝާދު އަލީއަށް ވަޒީފާ ދިނުމަށް 45 ދުވަހުގެ މުހުލަތެއް ދައުލަތަށް ސިވިލް ކޯޓުން ދީފި އެވެ.
ސިވިލް ކޯޓުން ނައުޝާދަށް ވަޒީފާ އަނބުރާ ދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް ދައުލަތުން އަމަލުކޮށްފައެއް ނުވެ އެވެ.
ނައުޝާދަށް 45 ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށް ދައުލަތުގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނައުޝާދަށް ވަޒީފާ ދިނުމަށް އަންގާ ކަމަށެވެ.
އެ ހުކުމުގައި ބުނެފައި ވަނީ، 45 ދުވަހުގެ ތެރޭގައި ހުކުމާ އެއްގޮތަށް އަމަލުކުރުމަށް ދައުލަތަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ހުކުމަށް އަމަލުނުކޮށްފި ނަމަ، ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ފައްޓާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށްވާ ނަމަ ކަމަށް ހުކުމުގައިވެ އެވެ.
ނައުޝާދު ސިފައިންގެ ވަޒީފާއިން ވަކިކުރީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނައުޝާދާއި އިތުރު ބަޔަކު ވެސް އެ ދުވަހު ވަނީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. އެ އެންމެން ވަޒީފާއިން ވަކިކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެވެ.