މޮޅަދޫ އިންޖީނުގެއިން ވަގަށް ނެގި ހުރިހާ ފައިސާއެއް ހޯދައިފި

ހއ. މޮޅަދޫ އިންޖީނުގެއިން ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް--ފޮޓޯ/ ފުލުހުން

ހއ. މޮޅަދޫ އިންޖީނުގެ އިން ވަގަށް ނެގި ހުރިހާ ފައިސާއެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 26 އަހަރުގެ ދެ ޒުވާނުން ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެކެއްގެ ގޭގެ ދެ ތަނެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނެފައި ވަނީ ރޭ ހޯދާފައިވާ ފައިސާތަކަކީ އެ ތިޖުރީގައި ހުންނާނެ ކަމަށް ރިޕޯޓްކޮށްފައިވާ ފައިސާގެ އަދަދު ކަމަށެވެ.

ތިޖޫރީ ވަގަށް ނެގި މައްސަލާގައި ފުލުހުންގެ ޓީމެއް އިއްޔެ އެ ރަށަށް ގޮސް ތިޖޫރީ ހޯދި އިރު، އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވި އެވެ.

ނިޝާމް ވިދާޅުވީ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ ކުރީ ރޭ 12:00 އާއި ހެނދުނު 6:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ތިޖޫރީ ވަގަށް ނެގި އިރު 38،740 ރުފިޔާ ހުންނާނެ ކަމަށް އިންޖީނުގެ އާ ހަވާލާދީ ނިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮޅަދޫ އިންޖީނުގޭގައި ސެކިއުރިޓީ ގާޑުން ނުތިބޭ ކަމަށާއި ނަމަވެސް 24 ގަޑިއިރު އިންޖީނުގޭގައި ޑިއުޓީ ކުރާ ކަމަށެވެ.

"ލަފާ ކުރެވެނީ ކޮންޓްރޯލް ރޫމްގައި މުވައްޒަފަކު ނެތް ގަޑިއެއް ބަލާފައި ތިޖޫރީ ގެންދިޔައީ ކަމަށް." ނިޝާމް ވިދާޅުވި އެވެ.

comment ކޮމެންޓް