ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކުރި އިއުލާނު ރައީސް އޮފީހުން ބާތިލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި ކުރި އިޢުލާނު ބާޠިލު ކޮށްފައިވާ ކަމަށެވެ.
އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު ހޯދަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޔޫސުފް މާނިއު މެމްބަރު ކަމުން، ރައީސް ވަކިކުރުމާ ގުޅިގެންނެވެ.
މާނިއު ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރެއްވި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގެ ބޭރުން ކުރައްވާފައި ނުވާނެ ކަމަށެވެ.
މަގާމުން ވަކިކުރުމުގެ ދުވަސްކޮޅެއް ކުރިން މާނިއު ވިދާޅުވެފައި ވަނީ ފުލުހުންގެ ފަރާތުން އެ ކޮމިޝަނުގެ ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.