ރާއްޖޭގައި ހަކަތައިގެ ރޯޑްމެޕެެއް އެކުލަވާލަނީ

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017 ފޮތް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ހަކަތައިގެ ރޯޑްމެޕެެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާބެހޭ ތަފާސް ހިސާބު ހިމެނޭ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017" ނެރުމުގެ ގޮތުން މިއަދު ހެނދުނު އެންވަޔަރަންމަންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޠާރިޤު ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމަށް މިހާރު ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އެގޮތުން މިހާރު އެންމެ ބޮޑަށް ކުރަމުންދަނީ ހަކަތައިގެ ރޯޑްމެޕެއް އެކުލަވަލާލުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ޠާރިޤު ވިދާޅުވީ ހަކަތައިގެ ރޯޑްމެޕުގެ މަސައްކަތް އަންނަ އަހަރު ދެވަން ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އަދި މިހާރު ދަނީ ހަކަތައިގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ގާނޫނުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ.

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017 ފޮތް މިނިސްޓަރު ތޯރިގު ނެރެދެއްވަނީ-- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ނެރުނު ފޮތަކީ ވަރަށް މާތް މަގުސަދެއްގައި ނެރުނު ފޮތެއް ކަމަށެވެ. އަދި ރާއްޖޭގައި ކުރިން އެފަދަ ތަފާސްހިސާބުތައް ބެލެހެއްޓިފައި ނެތްކަން ޠާރިޤު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ފޮތުގެ ސަބަބުން ސަރުކާރަށާއި ހަކަތައިގެ ދާއިރާއަށް އިންވެސްޓު ކުރާ ފަރާތްތަކަށް ވެސް އޭގެ ފައިދާ ލިބޭނެ ކަމަށެވެ.

"މިއީ ވަރަށް މާތް މުހިންމު މަގުސަދެއްގައި ކުރާ ކަމެއް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރަމުން އަންނަ ގޮތާ، ހަކަތަ ބެހިފަ އޮންނަ ގޮތާ ހަކަތަ ބޭނުންކުރެވޭ މިންވަރާ އަދި ރަށްތަށުގައި ހަކަތައިގެ ކަންތައްތައް އޮތް ގޮތް އަންގައިދޭ މުހިންމު ފޮތެއް މިފޮތަކީ. މިސަރުކާރުން ތަފާސްހިސާބުތައް ބޭނުންކުރަނީ ސަރުކާރާށާއި އަދި ރާއްޖޭގައި އިންވެސްޓްކުރާ ބޭފުޅުން މައުލޫމާތަށް. އަދި މީގެ އެއްއަމާޒަކީ ހަކަތައިގެ ދާއިރާގެ ގިނަ ޕަސެންޓޭޖަކީ އިއާދަކުރެވޭ ޕަސެންޓޭޖަށް ހަދަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ނެރުނު ޑޭޓާ ބުކް އަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ މައުލޫމާތު އެއްކޮށް، "އެނާޖީ އައުޓްލުކް ފޯ އިންހެބިޓެޓް އައިލެންޑް 2013"ގެ ނަމުގައި ފޮތް ނެރުނު ފަހުން އެ މިނިސްޓްރީން ނެރުނު ތިން ވަނަ ފޮތެވެ. އެ ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ނިޒާމުތަކުގެ މުހިންމު މައުލޫމާތުތަކާއި ހަކަތައިގެ ދާއިރާއަށް ބޭނުންވާ ގިނަ ތަފާސް ހިސާބުތައް ވަނީ ހިމަނައިފައެވެ.

ޑޭޓާބުކް ފޮތުގައި ވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓް އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މައުލޫމާތުގެ އިތުރުން ފާއިތުވި 10 އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކާއި އަދި ރާއްޖޭގެ ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ހިމަނައިފައެވެ.

comment ކޮމެންޓް