މަޖީދީމަގުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ: ހައުސިން

މަޖީދީ މަގު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ދަށުން މަޖީދީމަގުގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މަޖީދީ މަގުގެ މަސައްކަތާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް މިއަދު ސަން އަށް ވިދާޅުވީ "މަޖީދީ މަގުގެ މަސައްކަތް އަދި ނުނިމޭ" ކަމަށާއި "މަސައްކަތް ނިމުމުން އެކަން މީޑިއާ އާ ހިއްސާކުރާނަން" ކަމަށެވެ.

މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވާކް ސާވިސް އިންނެވެ. މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެކި ބައިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު މިހާރު އެންމެ ފަހު ސެގްމެންޓް ވަނީ ނިމުމަކާ ކައިރިވެފައެވެ.

މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގެ ގާތައް ނަގައި، މަގުތައް ލެވެލްކޮށް ކުރިން ހުރި ކާނުތަކަށް ވުރެ ބޮޑެތި ކާނުތައް ވަޅުލައި، އެއަށްވުރެ ބޮޑެތި ހޮޅިތަކުން ކާނުތައް ގުޅާލައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕޭވްމެންޓުތަކަށް އެރޭނެ ގޮތަށް ޕޭވްމެންޓުތައް ވަނީ ރީ ޑިޒައިން ކޮށްފައެވެ.

މަޖީދީ މަގުގެ މަރާމާތުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ. މަޖީދީ މަގުގެ މަސައްކަތަށްފަހު މާލޭގެ އިތުރު މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ބަޖެޓް ކޮށްގެން ކުރިއަށް ގެންދާނެއެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އެ މަގު ހަދާނެ ކަމަށްވެސް ހައުސިން އިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް