ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށުގެ ކުޅި ހިއްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނެފި އެވެ.
ކުޅުދުއްފުށީ ކުޅި ހިއްކަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ކަމަށް ބުނެ އެކަން ހުއްޓުވުމަށް އީކޯ ކެއާއިން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ދައުލަތުން ބުނީ، އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮންނާނީ ކުޅުދުއްފުށީ ކޯޓަށް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށްބުނެ ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގާފައެވެ.
ދައުލަތުން ފާހަގަ ކުރި އެ ނުކުތާއަށް އީކޯ ކެއާއިން ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވުމަށް ކޯޓުން ވަނީ ފުރުސަތުދީފައެވެ.
އީކޯ ކެއާއިން އެ މައްސަލަ ކޯޓަށް ވެއްދީ ކުޅުދުއްފުށީގެ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހެދި އެންވަޔަރަންމަންޓު އެސެސްމެންޓް ރިޕޯޓު (އީއައިއޭ)އަށް އަމަލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ.
މީގެ ކުރިން ކުޅުދުއްފުށީ މީހަކުވެސް ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދި ކުޅުދުއްފުށީ ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ ކޯޓުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.