ވިލުފުށީގައި ބިނާ ކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި

މިސްކިތުގެ މަސައްކަތް ނިންމުމަށް ފަހު އިސްލާމިކް މިނިސްޓްރީ އާ އެ މިސްކިތް ހަވާލުކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. ވިލުފުށީގައި ބިނާކުރި މިސްކިތް (މަސްޖިދު އުމަރު ފާރޫގް) މިއަދު އިސްލާމީ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ނިންމުމަށްފަހު އިސްލާމިކް މިނިސްޓްރީ އާ ހަވާލުކުރީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ރައްމިއްޔާތެއްގައެވެ.

ކޮންޓްރެކްޓްގެ މަސައްކަތް ނިންމުމަށްފަހު އިސްލާމިކް މިނިސްޓްރީ އާ ހަވާލުކޮށްދެއްވީ ނަލަހިޔާ ގްރޫޕްގެ ޗެއާމަން އިބްރާހިމް ވަހީދު އަލީ އެވެ. އަދި ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ވިލުފުށީގައި ބިނާ ކުރެވިގެން ދިޔަ މިސްކިތަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ކޮށްދެއްވި ވަރަށް ފުރިހަމަ މަސައްކަތެއްކަމަށެވެ.

"އެ މިސްކިތަކީ މާލޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒާ އެއް ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެއް. އެ މިސްކިތަކީ މުޅި ތ. އަތޮޅުގައި ހުރި އިސްލާމީ ރަމްޒެއް،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެ މިސްކިތުގައި ލައިބްރަރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވެސް އަވަސް މުސްތަގްބަލްގައި ނިމިގެންދާނެކަމަށެވެ. މިހާރުވެސް އަވަށްޓެރި ބައެއް ގައުމުތަކުން އެ ލައިބްރަރީއަށް ދީނީ ފޮތްތަށް ހަދިޔާ ކުރައްވަމުން ދާ ކަމަށާއި މައްކާގެ ހަރަމައިން އިން އެކަނި ވެސް 30 އަށް ވުރެ ގިނަ ފޮށީގެ ފޮތް ހަދިޔާ ކުރައްވާފައިވާކަމަށެވެ.

ނިމިގެން ދިޔަ އެ މަސައްކަތުން ވެސް އެ ދައްކުވައިދިނީ ދިވެހި ވިޔަފާރިވެރިން ސަރުކާރާ މެދު އޮތް އިތުބާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަލަހިޔާގެ ޗެއާމަން އިބްރާހީމް ވަހީދު ވިދާޅުވީ، ކުރެވިގެން ދިޔަ މަސައްކަތަކީ ކުރާ ހިތުން ކުރެއްވި މަސައްކަތެއްކަމަށާއި އެ މަސައްކަތަކީ އާހިރަތަށްޓަކައި އަދި ގައުމަށް ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ކުރެއްވި މަސައްކަތެއްކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ނިމިގެން ދިޔަ މަސައްކަތަކީ މާތް މަސައްކަތެއްކަމަށެވެ. މުޅި ވިލުފުށި ރަމްޒުކޮށްދޭނީ އެ ބިނާއިން ކަމަށާއި އެ ޕްރޮޖެކްޓަކީ އަމިއްލައަށް ހަރަދުކޮށްގެން ނިންމާފައިވާ ބޮޑު ޕްރޮޖެކްޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ ހަމައެކަނި މިސްކިތެއް ނޫން. ލައިބްރަރީގެ އިތުރުންވެސް އެ މިސްކިތުގައި ގުރުއާން އަދި ދީނީ އެތައް ކޯސްތަކެއް ހިންގާނެ. އަވަސް މުސްތަގްބަލެއްގައި އެކަން ވެސް ކުރެވިގެންދާނެ،" ރިޔާޒް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ކޯސްތައް އެ މިސްކިތުގައި ފެށުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެ މިސްކިތަކީ 5،000 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. އެ މިސްކިތް ބިނާ ކުރުމަށް ހޭދަވީ ތިން އަހަރު ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް