ފިލްމު އެވޯޑްސް: ޖަޖުންގެ ލޮލުގައި 4426 އަޅައި ނުގަތުމުން ނަހުލާ އަދިވެސް ހައިރާންވެފައި

ދިވެހި ފިލްމު 4426ގެ މަންޒަރެއް. ފިލްމަށް ކުރި މަސައްކަތާ ބަލާފައި އެވޯޑްގެ ގިނަ ކެޓަގަރީތަކަކުން ނޮމިނޭޓްވެފައެއް ނުވޭ---

"ދިރާގު ޓީވީ ޕްރެޒެންޓްސް ދިވެހި ފިލްމު އެވޯޑްސް 2017'ގެ ނޮމިނޭޝަންތައް އިއުލާނުކޮށް ނިމުނު އިރު ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކީ މިދިޔަ އަހަރު ރިލީޒްކުރި ''4426'' މުހިންމު ނޮމިނޭޝަންތަކުގައި ލައްވައި ނުލުމެވެ.

މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ތަފާތު ސްކްރިޕްޓަކަށް އޭނާ ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމެކެވެ. ނަހުލާގެ އިމޯޝަނަލް މެލޮޑްރާމާ ފިލްމުތަކާ ހިލާފަށް 4426 އަކީ ބިރުވެރި ފިލްމެކެވެ. ފިލްމުގެ އެކްޓިން އާއި ޕްލޮޓަށް ބެލިނަމަވެސް ފިލްމުގެ ކޮސްޓިއުމަށްވުރެ ފިލްމު ބަލާ މީހާގެ ލޮލުގައި އަޅައިގަންނާނީ އެކްޓިން އާއި ފިލްމަށް ކޮށްފައިވާ މަސައްކަތެވެ.

މިފަހަރުގެ ފިލްމު އެވޯޑްސްގައި 4426 ނޮމިނޭޓްވީ ބެސްޓް ކޮސްޓިއުމް އަދި ބެސްޓް އެކްޓަރ (ފިރިހެން)ގެ ބައިންނެވެ.

ފިލްމުގެ ލީޑްތަރި މަރިޔަމް އައްޒަ އެ އެޓަގަރީން ނޮމިނޭޓް ވެފައި ނުވާއިރު ސޯޝަލް މީޑިއާ އަދި ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި މިހާރު އެންމެ ހޫނުކޮށް ކުރެވޭ ބަހުސްއަކީ މިއެވެ. 4426 ގައި އައްޒަ ދައްކާދީފައިވާ އެކްޓިން އަކީ އެވޯޑަށް ނޮމިނޭޓް ނުވި ނަމަވެސް އޭނާއަށް ހައްގު އެއްޗެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅޭގޮތުން ނަހުލާ ބުނީ "4426 އަކީ ގެއްލޭވަރު ފިލްމެއް ނޫން" ކަމަށާއި "އެ ފިލްމު ޖެހޭނީ ގެއްލުވާލަން" ކަމަށެވެ. އެ ފިލްމަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް އިންގިލާބެއް ގެނައި ފިލްމެއް ކަމަށްވެސް ނަހުލާ ބުންޏެވެ.

"އެއްޗެއް ނޭނގޭ މީހަކު އައިސް ބަލައިލިޔަސް އެކި ދާއިރާތަކުން ފިލްމަށް ކޮށްފައި ހުރި ބުރަ މަސައްކަތް ފާހަގަވާނެ. ފިލްމު ނޮމިނޭޓް ނުވި އެއްގޮތަކީ ޖަޖުން ގަސްތުގައި 4426 ކަޓުވައިލުން. އަނެއް ގޮތަކީ ޖަޖުންނަށް ފަހުމުވާ ވަރަށްވުރެ ފިލްމު "ހައި" ވުން. އެއީ ފިލްމަކީ ވަރަށް ގިނަ ދިރާސާ ކޮށްގެން ހެދި އެއްޗަކަށްވުން،" ނަހުލާ ބުންޏެވެ.

"މިކަންކަން ނޭނގޭ މީހަކަށް ހީވެދާނެ ފިލްމުގައި އައްޒަގެެ އެކްޓިން އޯވާ އޭ. އެކަމަކު މިއީ ހަމަ ހަގީގަތުގަ ކަން ހިނގާފައި ހުރި ގޮތް ދިރާސާކޮށް ވަރަށް ވިސްނައިގެން ހަދާފަ އޮތް ފިލްމެއް. މިކަން ދިމާވެފަތިބި، އެކަހަލަ މަންޒަރުތައް ފެނިފައި ތިބި މީހުން އެކަން ގަބޫލު ކުރޭ."

ނަހުލާ ބުނީ 4426 އަކީ އާދައިގެ ލޯބީގެ ފިލްކަމަށް ކުރާ މަސައްކަތާ ބަލާއިރު އެކަހަލަ 20 ފިލްމަށް ކުރާ މަސައްކަތް ކޮށްގެން ހެދި ފިލްމެއް ކަމަށެވެ.

"އެއްޝޮޓް އިނދެދާނެ 40 ނޫނީ 50 ފަހަރު ޖައްސާފަވެސް. ސީދާ ބޭނުންވާ އެތި ނެރެން. މިވަރުގެ މަަސައްކަތެއް ކުރީމަ އެކަން ފިލްމުން ފެންނަންވެސް އެ އޮތީ. މި ފިލްމު ބެލި 21000 އަށްވުރެ ގިނަ ދިވެހިން ފިލްމަށް ކުރީ ތައުރީފް. ދެއްކީ ފިލްމުގެ މޮޅު ވާހަކަ."

ނަހުލާ ބުނީ މިވަރުގެ ބުރަ މަސައްކަތެއް ކޮށްފައިވާ ފިލްމެއް ފިލްމު އެވޯޑްސްގެެ ޖަޖުންގެ ލޮލުގައި އަޅައި ނުގަތުމުން އަދިވެސް އޭނާ ހުރީ ހައިރާންވެފައި ކަމަށެވެ.

ނަހުލާ ބުނިގޮތުގައި އޭނާގެ ފިލްމު ޔޫސުފް އަކީވެެސް ރާއްޖޭގެ ސިނަމާތަކުގައި ރިކޯޑް މުގުރި ފިލްމެއްގެ އިތުރުން ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ވެސް ފާހަގަވެގެން ދިޔަ ފިލްމެކެވެ. ނަމަވެސް ރާއްޖޭގެ ފިލްމު އެވޯޑްސްގައި ޔޫސުފް ލައްވައެއް ނުލައެވެ.

"އެކަމާ ގުޅިގެން އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަން. 4426ގެ ވާހަކަ މި ދައްކަނީ ހަމަ ދެއްކެން އޮތީމަ. ފިލްމު ދަންނަ އެންމެން ތައުރީފް އޮއްސި ފިލްމެއް 4426 އަކީ. އެއްވެސް ދާއިރާއަކުން އެއްވެސް ކަމެއް ނޯންނާނެ ދުރާލާ ވިސްނައިގެން ނޫނީ ކޮށްފައެއް. މިކަން ޖަޖުންނަށް ފާހަގަ ނުވެއެއް ނުދާނެ."

ނަހުލާ ބުނީ އެވޯޑުން 4426 ކަޓުވައިލުމަކީ "އެތައްބައެއްގެ ހައްގަށް އަރައިގަތުން" ކަމަށެވެ.

"ގިނަ ދާއިރާ ތަކަކުން ނޮމިނޭޓްވެފަ އެވޯޑް ނުލިބުނުނަމަ ވެދާނެ ކޮންމެވެސް އެއް ޖަޖެއްގެެ މާކްސް އިން ކެޓީކަމަށް. އެކަމަކު ގިނަ ދާއިރާތަކަކުން ނޮމިނޭޝަންގައި ވެސް ލައްވާ ނުލުމަކީ ފިލްމު ބެލި އެކަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫން. ފިލްމީ ދާއިރާގެ ގިނަ ބަޔަކުވެސް ގަބޫލުކޮށްގެން ތިބީ މިފަހަރުގެ ގިނަ އެވޯޑްތަކެއް 4426 އިން ގެންދާނެ ކަމަށް،"

ނަހުލާ ބުނީ ފިލްމު އެވޯޑްސްއަށް އިންސާފުކުރި ހަތް ފަނޑިޔާރުން އިންސާފުން މާކްސް ދިންނަމަ 4426 އަށް މިހެން ނުވީސް ކަމަށެވެ.

އެންމެ މޮޅު ސްކްރިޕަޓަށް ވާދަކުރާ ފިލްމުތަކުގެ ތެރޭވެސް 4426 ނުހިމެނޭތީ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު އެކަމާ ގުޅޭގޮތުން ނަހުލާ ބުނީ ފިލްމުގެ ސްކްރިޕްޓަށް ބަލާލުމުންވެެސް އެފިލްމަށް ކޮށްފައިވަ ދިރާސާ އެނގޭނެ ކަމަށެވެ. ފިލްމުގައި ރުގުޔާގެ ބައި ގެނެސްފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދި ބައިނަލްއަގުވާމީގޮތުންވެސް އެކަން ކުރާ ގޮތް ދިރާސާކޮށް ހެދުމަށްފަހު ކަމަށާއި އަރަބި ޑައިލޮގްތައް ގެނެސްފައިވާ ގޮތާއި ހާލަތްތައްވެސް ފާހަގަވާނެ ކަމަށް ނަހުލާ ބުންޏެވެ.

އޭނަ ބުނީ 4426ގެ ތިންގަޑިއިރަކީ ގެއެއްގެ ތެރޭ ހިނގާ ކަންތައްތަކެއް ފެންނަ ފިލްމެއް ނަމަވެސް ފިލްމު ނިމެންދެން ބެލުންތެރިން ފޫހިކަމެއްނެތި ފިލްމު ބެލި ކަމަށެވެ.

އައްޒަގެ އެކްޓިންއަށް އޭނާ ތައްޔާރުވީ ވަރަށް ބޮޑަށް ދިރާސާކޮށް ކަމާ ގުޅޭ މީހުންނާ ވާހަކަ ދައްކާހެދުމަށްފަހު ކަމަށާއި، ޝޫޓިންގެ ކުރިން ތަރިންނަށް ހާޢްސަކޮށް ސެލްފް ޑިފެންސް ސެޝަންތައް ހިންގި ކަމަށްވެސް ނަހުލާ ބުންޏެވެ.

މީގެ އިތުރުން ނަހުލާ ބުނީ 4426ގެ މޭކަޕް އަކީ ބެލުންތެރިން ހައިރާން ކޮށްލި މޭކަޕްއެއް ކަމަށެވެ. މި ކެޓަގަރީ އިން އިސްމާއިލް ޖުމައިހް ވަނީ އެވޯޑަށް ނޮމިނޭޓްވެފައެވެ.

"ވިޒުއަލް އެފެކްޓްސް އަށް ބެލިނަމަވެސް ވާދަކުރެވޭ އެހެން ފިލްމެއް ނެތް. އެންމެ ހައިރާން ކުރުވަނިވި ކަމަކީ ފިލްމުގެ އެކްޓިންތައް. އައްޒަ އާއި ޝީލާގެ އެކްޓިން ފާހަގަ ނުވެއެއް ނުދާނެ. އެންމެ ހައިރާންވަނީ ސްކްރީން ޕްލޭ އާއި އާޓް ޑައިރެކްޝަން ފާހަގަ ނުވެ ފިލްމުގެ ކޮސްޓިއުމް ފަހަގަ ވީމަ. މުޅި ފިލްމުގަވެސް ބޭނުންކޮށްފައިވާނީ ހައެއްކަ ޓީޝާޓާ ދެ ޓޮޕާ"

ނަހުލާ ބުނީ ހާލަތާގުޅޭގޮތަށް އެހެން ފިލްމުތަކުގައިވެސް ކޮސްޓިއުމަށް ބަދަލު އައިސްފައި ހުންނާނެެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެކަހަލަ ފިލްމުތައް އެންމެ މޮޅު ފިލްމަށް ނޮމިނޭޓްވި އިރު ކޮސްޓިއުމް ކެޓަގަރީ އިން ނުވޭ. މިއީ ހަމަ އަރަތެއް" ނަހުލާ ބުންޏެވެ.

comment ކޮމެންޓް