އެއް މަސް ތެރޭ މިޔަންމާގައި 6،700 ރޮހިންގާ މުސްލިމުން މަރާފައިވޭ: އެމްއެސްއެފް

ރޮހިންގާ މުސްލިމުން ކުދިކުދި ބޯޓުތަކުގައި ބަނގުލަދޭޝައަށް އެތެރވަނީ--ފޮޓޯ : ޜޮއިޓާސް

އެމްއެސްއެފް (ޑިސެމްބަރު 14): މިދިޔަ އޮގަސްޓު މަހު މިޔަންމާގެ ރަޚީން ސްޓޭޓުގައި ފެށުނު ހަމަނުޖެހުންތަކުގައި އެއް މަސް ތެރޭ 6،700 ރޮހިންގާ މުސްލިމުން މަރާފައިވާ ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނެފި އެވެ.

މިޔަންމާ ދޫކޮށް ބަނގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުން ހިމަނައިގެން ކުރިއަށްގެން ދިޔަ ސާވޭއަކުން ދެއްކި ގޮތުގައި އޮގަސްޓު މަހުގެ 25 އާއި ސެޕްޓެމްބަރު މަހުގެ 24އާ ދޭތެރޭ މިޔަންމާގައި 9،000 ރޮހިންގާ މުސްލިމުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 6،700 މީހުން މަރުވީ އެމީހުންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އެމްއެސްއެފްއިން ބުންޏެވެ.

އަދި މަރުވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 730 ކުޑަކުދިން ހިމެނޭ ކަމަށާއި އެމީހުން މަރުވި ސަބަބުތަކުގެ ތެރޭގައި ބަޑި ޖެހުމާއި ފިހިގެންނާއި ލޭންޑްމައިންތައް ގޮވުން ހިމެނޭ ކަމަށް އެމްއެސްއެފް އިން ބުންޏެވެ.

އެމްއެސްއެފްގެ މެޑިކަލް ޑިރެކްޓަރު ސިޑްނީ ވޮންގް ވިދާޅުވި ގޮތުގައި އެ ޖަމްއިއްޔާ އިން އެސާވޭ ކުރިއަށް ގެންދިޔަ އިރު ބަންގުލަދޭޝްގައި ރެފިއުޖީން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައި ނުވެ އެވެ. އަދި އެސާވޭގައި މިޔަންމާގައި މިހާރު ދިރިއުޅޭ ރޮހިންގާ މުސްލިމުންނާ ސުވާލުކޮށްފައި ނުވުމުން، މަރުވި މީހުންގެ އަދަދު އެޖަމްއިއްޔާ އިން ލަފާ ކުރި ވަރަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވޮންގް ވިދާޅުވި އެވެ.

އެމްއެސްއެފް އިން އެފަދައިން ބުނި ނަމަވެސް މިޔަންމާ އިން ވަނީ އޮގަސްޓު މަހުގެ 25ގައި އެގައުމުގެ އަސްކަރިއްޔާ އިން ފެށި އަނިޔާވެރި އޮޕަރޭޝަނުގައި މަރުވެފައި ވަނީ 400 ރޮހިންގާ މުސްލިމުން ކަމަށް ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޓެރަރިސްޓުން ކަމަށް ބުނެފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރަޚީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ ރޮހިންގާ މުސްލިމުންގެ ހަތިޔާރު އެޅި ޖަމާއަތަކުން އެގައުމުގެ ފުލުހުންގެ 30 ޕޯސްޓަކަށް ހަމަލާދިން ފަހުންނެވެ. އަދި އެގައުމުގެ ސިފައިން ދަނީ ޓެރަރިސްޓުން ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް މިޔަންމާގެ ސަރުކާރުން ބުނި ނަމަވެސް، އދ. އިން ވަނީ މިޔަންމާ އަސްކަރިއްޔާ އިން ދަނީ ރަހީން ސްޓޭޓުގައި ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް