އަހްމަދިއްޔާގެ ޚިދުމަތުގައި 30 އަހަރު، ރަޝީދަކީ ނަމޫނާ ޕްރިންސިޕަލެއް

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން" އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ ؛ ފަޔާޒު މޫސާ

"އަޅުގަނޑުގެ އުމުރުގެ ދެބައިކުޅަ އެއްބައި އަހުމަދިއްޔާއަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިފައިވާތީ އެ އުފާ އަޅުގަނޑަށް ވަރަށް ބޮޑަށް ކުރެވޭ. އަހުމަދިއްޔާއަށް ލިބޭ ކޮންމެ ޝަރަފަކީ އަދި އުފަލަކީ އަޅުގަނޑަށް ވެސް ލިބޭ ޝަރަފަކަށް ވަނީ. މި ސްކޫލަށް ގިނަދުވަހު ހިދުމަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިފައިވާތީ އަހުމަދިއްޔާ ވަރަށް ރަނގަޅަށް ދަންނަ މީހަކަށް އަޅުގަނޑު ވާނެ،" މިއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދުގެ ހިތުގައި އެ ސްކޫލާ ދޭތެރޭ އުފެދިފައިވާ ޝުއޫރުތަކެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު. ހިންގުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ރަޝީދު މިއަހަރު ވަނީ ހާސިލްކުރައްވައިފައި--ސަަން ފޮޓޯ: ފަޔާޒު މޫސާ

ހިންގުމުގެ ދާއިރާއިން މިއަހަރު ގައުމީ އިނާމު ހާސިލްކުރައްވައިފައިވާ ރަޝީދު ވަނީ، ތައުލީމީ ދާއިރާގައި 35 އަހަރު ހޭދަކުރައްވައިފައެވެ. ތައުލީމީ ދާއިރާގައި ރަޝީދު ވަނީ އެއް ހަރުފަތަކުން އަނެއް ހަރުފަތަކަށް ދަތުރުކޮށް ކާމިޔާބީގެ ފޮނި މޭވާ ހާސިލް ކުރައްވައި، މުޖުތަމައުއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

ރަޝީދު ވަނީ އޭނާ ތައުލީމީ ދާއިރާގައި ގިރާކުރެއްވި އެކި ހަރުފަތްތަކުގެ ވާހަކަ "ސަން" އާ ހިއްސާކުރައްވައިފައެވެ.

ތައުލީމީ ދާއިރާއާ ގުޅުނީ ޓިއުޝަން ކްލާސްތަކުގައި ކިޔަވަދޭން

އީޕީއެސް ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށްފަހު އެހެން ދަރިވަރުންނެކޭ އެއްފަދައިން ރަޝީދު ވެސް ކޮންމެވެސް ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އާދައިގެ އާއިލާއަކަށް އުފަން ރަޝީދުގެ ހިދުމަތް ތައުލީމީ ދާއިރާއިން އަލިވިލުނީ ޓިއުޝަން ކްލާހެއްގައި ކިޔަވައިދޭން ފެށި ހިސާބުންނެވެ. ރަޝީދު ވަނީ އެ ދުވަސްވަރު މާލޭގެ މަޝްހޫރު ކިނާރާ ޓިއުޝަން ކްލާހާއި، ވުޑްވިލާގެ އިތުރުން ހަނިއްޔާ ސްކޫލުގައި ޓީޗަރެއްގެ މަގާމު ފުރުއްވައިފައެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު (ކ) އީޕީއެސް ސްކޫލުގައި ހޭދަކުރެއްވި ދުވަސްވަރު -- ފޮޓޯ: ރަޝީދު

" އަޅުގަނޑުގެ ތައުލީމީ ކެރިއާ ފެށިގެން އައީ އެކި ތަންތަނުގައި. ހާއްސަކްލާސްތަކުގައި ޓިއުޝަން ދިނުމާއި، އިނގިރޭސި ކިޔަވައިދިނުމުގެ ތެރެއިން. އަޅުގަނޑު ކިނާރާ އަދި ވުޑް ވިލާގައި މަސައްކަތްކުރަމުން ދަނިކޮށް އަޅުގަނޑަށް އަހުމަދިއްޔާއިން ފުރުސަތު ލިބުނީ އިނގިރޭސި އަދި ސޯޝަލް ސްޓަޑީސް ކިޔަވައިދިނުމަށް. އެ ހިސާބުން 1987 ވަނަ އަހަރު އަޅުގަނޑު އަހުމަދިއްޔާއާ ގުޅުނީ އިނިގިރޭސި އަދި ސޯޝަލް ސްޓަޑީޒް ޓީޗަރެއްގެ ގޮތުގައި،" އަހްމަދިއްޔާ ސްކޫލާ ގުޅުނުގަޮތް ރަޝީދު ވިދާޅުވެދެއްވިއެވެ.

ޓީޗަރެއްގެ މަގާމުން އަހުމަދިއްޔާގެ އެންމެ މަތީ މަގާމަށް!

ކުރީން މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުގައި ހިންގަމުން އައި މަދްރަސަތުލް އަހުމަދިއްޔާގެ ގްރޭޑް ފަހަކަށް އިނގިރޭސިއާއި ސޯޝަލް ސްޓަޑީސް ކިޔަވައިދޭން ފެށި ރަޝީދު ދިޔައީ ކާމިޔާބުގެ ބޮޅޮތައް ބޮޅަކަށް ފަހު ބޮޅެއް އަމުނަމުންނެވެ. ޓީޗަރެއްގެ މަގާމުން، ސުޕަވައިޒަރަކަށް ބަދަލުވެ އެސިސްޓެންޓް އަދި ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު ރަޝީދު ވަނީ ފުރުއްވައިފައެވެ. ރަޝީދުގެ ކާމިޔާބީގެ ލިސްޓަށް ދެން އިތުރުވީ އަހުމަދިއްޔާގެ އެންމެ ޝަރަފުވެރި އަދި އެންމެ ޒިންމާދާރު ވެރިޔާގެ މަގާމު ފުރުއްވަން ފެއްޓެވި ހިސާބުންނެވެ. އެގޮތުން 2009 އަކުން ފެށިގެން ރަޝީދު ދަނީ އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ފުރުއްވަމުންނެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު 1980'އިގެ ފަޙު އަހރުތަކުގެ ތެރޭގައި--ފޮޓޯ: ރަޝީދު

ރަޝީދުގެ ޕްރިންސިޕަލް ކަމުގައި އަހުމަދިއްޔާއަށް ބޮޑެތި ބަދަލުތަކެއް

އަހުމަދިއްޔާ އޭރަކު އޮންނަ ހާލަތަކަށް ވުރެ މަތީ ހާލަތަަކަށް ގެންދިޔުމަށް އަތުކުރިއޮޅައިލައިގެން ހުންނެވި ރަޝީދު އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ހާސިލްކުރައްވަން ބޭނުންވި ހުރިހާ ލަނޑުދަނޑިތަކެއް ވަނީ ހާސިލްކުރައްވައިފައެވެ. އެގޮތުން އަހުމަދިއްޔާގައި މަތީ ސާނަވީ ނުވަތަ އޭލެވެލްއަށް ކިޔަވަދޭންފަށައި އެންމެ ފަހުން އެ ސްކޫލް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހަމަޖެހުނީ ވެސް ރަޝީދު ކުރެއްވެވި ގިނަގުނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

"ޕްރިންސިޕަލް ކަމަށް އަޅުގަނޑު ބަދަލުކުރެއްވީމަ އަޅުގަނޑުގެ ވިޝަން އަކަށްވީ އަހުމަދިއްޔާ މިހާރު އޮތް ހާލަތަށްވުރެ އުހަށް ގެންދިޔުން. އެގޮތުން އަހުމަދިއްޔާ އިތުރަށް ފުޅާކުރެވި، އަހުމަދިއްޔާގައި ހަޔާ ސެކަންޑްރީ ލެވަލްއަށް ކިޔަވައިދިނުން ތައާރަފްކުރުން އޭރު އަޅުގަނޑުގެ ވިސްނުމަކަށް އޮތީ. މިހާރު އަހުމަދިއްޔާގައި ގްރޭޑް 11، 12 އަށް ކިޔަވައިދޭ. ދެން އަޅުގަނޑުމެން ބެލީ އަހުމަދިއްޔާ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިޔުން، އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަަކަށް ބަދަލުކުރުން. 2015 ވަނަ އަހަރު އަހުމަދިއްޔާ ވަނީ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްފައި،" ރަޝީދު ވިދާޅުވިއެވެ.

އަހުމަދިއްޔާ ރީބްރޭންޑް ކުރުން

ރަޝީދު އަހުމަދިއްޔާގެ ޕްރިންސިޕަލް ކަމަށް ވަޑައިގެން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް އެސްކޫލް ވަނީ މުޅިން ރީބްރޭންޑް ކޮށްފައެެވެ. އޭރުވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން ދިޔަ އަހްމަދިއްޔާ ސްކޫލް، ތައުލީމީ ގޮތުން އާ ހަރުފަތަކަށް ގެންދިޔުމަށް ރަޝީދު އަތުކުރިއޮޅައިލެއްވީ، އެހެން ސްކޫލުތަކަށް ނަމޫނާ ދައްކައި ތަފާތު އާ ކަންތައްތައް އެ ސްކޫލަށް ތައާރަފްކޮށްފައެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އޭނާގެ ޒުވާން ދުވަސްވަރު (ކ)-- ފޮޓޯ: ރަޝީދު

" ރީބްރޭންޑް ކުރުމުގެ ބޭނުމަކީ އެހެން ސްކޫލްތަކާ ތަފާތު ގޮތަކަށް އަހުމަދިއްޔާ ހިންގުމުގެ ކޮންސެޕްޓް ބަދަލުކުރުން. މިސާލަކަށް ފޮރިން ލެންގުއޭޖް އަހުމަދިއްޔާގައި ތައާރަފްކުރުމާއި ބައެއް ކަހަލަ ސްކިލް، ޕްރޮގްރާމްތައް އަހުމަދިއްޔާގެ ދަރިވަރުންނަށް ފޯރުކޮށްދިނުމާއި އަދި ގިނަ ފުރުސަތުތަކެއް ކިޔަވާކުދިންނަށް ލިބޭނެ ގޮތަކަށް ކިޔަވައިދިނުން ބައްޓަން ކުރުން. އެއީ އަހުމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމުގެ ބޭނުމަކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތަފާތު އިތުރު ކަންތައްތަކެއްވެސް އަހުމަދިއްޔާގެ ދަރިވަރުންނަށް ލިބޭނެގޮތަކަށް އަޅުގަނޑުމެން ރާވަމުންދަނީ،" ރަޝީދު ވިދާޅުވިއެވެ.

ރީބްރޭންޑް ކުރުމުން އަހުމަދިއްޔާއަށް ނަތީޖާ ހާސިލްކުރެވުނުތަ؟

ރަޝީދު އަހުމަދިއްޔާގެ ޕްރިންސިޕަލަކަށް ހުންނަވައިގެން ހަމައެކަނި ރީބްރޭންޑް ކުރެއްވީއެއް ނޫނެވެ. އެ ސްކޫލު ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ސްކޫލުތަކުގެ ލިސްޓުގައި ހިމަނައި، އެ ސްކޫލުގެ ތާރީހުގައި ވެސް ނުދެކޭފަދަ ކާމިޔާބީތައް ރަޝީދުގެ ހިންގުންތެރިކަމުގައި ވަނީ ދައްކުވައިދީފައެވެ. އެގޮތުން 2016 ވަނަ އަހަރު އަހުމަދިއްޔާގެ ނަން ފެވިގެން ދިޔައީ އެ ސްކޫލުގެ 11 ދަރިވަރުން ނެޝަނަލް ޓޮޕް ޓެން ގައި ހިމެނުމުންނެވެ.

އަހުމަދިއްޔާ ރީބްރޭންޑް ކުރުމުމުގެ މަގްސަދަކީ ކުރީގެ މަދަރަސަތުލް އަހުމަދިއްޔާއިން ދެވޭ ހިދުމަތްތަކާ ތައުލީމަށް ވުރެ ފުރިހަމައަށް އެކަން ކޮށް، ކުރިއަށްވުރެ ފުރިހަމަ ނަތީޖާ ނެރުން ކަމަށް ރަޝީދު ވިދާޅުވިއެވެ. އެ ތަފާތު ރަޝީދު ވަނީ ކިތަންމެ ރަނގަކަަށް ވެސް ދައްކުވައިދީފައެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް . ރަޝީދުގެ ޕްރިންސިޕަލްކަމުގައި އެ ސްކޫލު ވަނީ ގިނަ ގުނަ ކާމިޔާބީތަކެއް ހޯދައިފައި--ސަން ފޮޓޯ: ފަޔާޒު މޫސާ

"އަހުމަދިއްޔާއިން 2016 ވަނަ އަހަރަށް ބަލާކަމަށް ވަންޏާ 216 ކުދިން އިމްތިހާނުގައި ބައިވެރިކޮށްގެން 195 ކުދިން ފަސް މާއްދާއިން ފާސްވެގެން ދިޔަ. ހަމައެއާއެކު އަހުމަދިއްޔާގެ 11 ދަރިވަރުން ނެޝެނަލް ޓޮޕް ޓެންގެ ފަސްޓު ޕްލޭސްގައި ހިމެނިގެން ދިޔަ. އަހުމަދިއްޔާގެ 49 ދަރިވަރުން އޯލެވެލް އިމްތިގާނުގައި ގަދަ ދިހައެއްގައި ހިމެނިގެން ދިޔަ. އަހުމަދިއްޔާގެ ތާރީހުގައި މިހާތަނަށް 49 ކުދިން ޓޮޕް ޓެންގައި ހިމެނިފައެއް ނެތް. ހަމައެއާއެކު 11 ދަރިވަރުން ނެޝަނަލް ޓޮޕް ޓެންގައި ހިމެނިފައެއް ނެތް،" ކާމިޔާބީތައް ފާހަގަކުރައްވައި ރަޝީދު ވިދާޅުވިއެވެ.

ރަޝީދުގެ ތަޞައްވުރަކީ އަހުމަދިއްޔާ ދެމެހެއްޓެނިވި ބްރޭންޑަކަށް ހެދުން

އިންޓަނޭޝަނަަލް ސްކޫލަކަށް ބަދަލުކޮށް، ރީބްރޭންޑްކޮށް އޭގެ ފޮނި ނަތީޖާ ފެެންނަން ފެށި ނަމަވެސް ރަޝީދުގެ ހުވަފެންތަކަކަށް އަދިވެސް މަޑުޖެހުމެއް ނާދެއެވެ. އަހުމަދިއްޔާ އުވި ނުގޮސް އާ ހަރުފަތަކަށް ގެންދިޔުމަށް އެހެން ހުވަފެނެއް ރަޝީދު ދަނީ ދެކެމުންނެވެ. އެ ހުވަފެނުގައި ކުލަ ޖައްސައި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރަޝީދު ހުރީ އަތުކުރި އޮޅާލައްވައިގެންނެވެ.

"އަހުމަދިއެްޔާ މިހާރު މިއޮތީ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުވެފައި. އަޅުގަނޑުގެ ވިޝަން އަކީ އަހުމަދިއްޔާ އަބަދުވެސް އަހުމަދިއްޔާގެ ގޮތުގައި، ދެމެހެއްޓެނިވި ބްރޭންޑެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ރޭވުން. އެގޮތުން ކުރިއަށް އޮތް ތަނުގައި އެބަ ވިސްނަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެއްގެ އިތުރުން އިންސްޓިޓިއުޓެއްގެ ގޮތުގައި އުފައްދައި އަހުމަދިއްޔާ ކޮލެޖަކަށް ހަދައި އެމިސްރާބަށް ދެވޭނެ ގޮތްތަކެއް ރާވަން،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދުގެ ޚިދުމަތް އެހެން ދާއިރާތަކަށްވެސް

ރަޝީދު ހަމައެކަނި ހިދުމަތްކުރައްވައިފައިވަނީ އަހުމަދިއްޔާގައި އެކަންޏެއް ނޫނެވެ. އަހުމަދިއްޔާގައި އުޅުއްވަމުން 1990 އިން ފެށިގެން ވަނީ ނުރަސްމީ ތައުލީމުދޭ މަރުކަޒުގައިވެސް ދިގުމުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ. އަދި 2000 ވަނަ އަހަރު ރައްޔިތުންގެ މަޖުލީހުގެ އިދާރާގައި ޕްރޮސީޑިން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފައްޓަވައި، މިހާރު ރަޝީދަކީ އެމުއައްސަސާގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލްއެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ރައްޔިތުން މަޖިލީހުގައި -- ފޮޓޯ: ރަޝީދު

ހިންގުމުގެ ދާއިރާއިންނާ ޕާލިމަންޓު ސާވިސްގެ ދާއިރާއިން ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރައްވައިފައިވާ ރަޝީދު ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ހާސިލްކުރައްވައިފައެވެ.

އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ރަޝީދަށް ލިބޭ

ތައުލީމީ ހަޔާތުގައި ގިނަ ދުވަސް ތަކެއް ހޭދަކުރައްވައި ގިނަގުނަ ކާމިޔާބީތަކެއް ހޯއްދެވުމުގައިރަޝީދަށް އޭނާގާ އާއިލާގެ ދައުރު ވަކިން ކުޑަ ނޫންކަން ފާހަގަކުރެއްވިއެެވެ. ހާއްސަކޮށް އޭނާގެ އަންހެނުން، ތައުލީމީ ދާއިރާގައި އެހާ ދިގުމުއްދަތެއްގައި ހޭދަކުރެއްވުމަށް ދިން ހިތްވަރަކީ އެ ދާއިރާގައި ދެމިހުރުމަށް ލިބުނު ހިތްވަރުކަމަށް ރަޝީދު ވިދާޅުވިއެވެ. ތައުލީމީ ދާއިރާގައި މުޅި ދުވަސް ހޭދަކުރައްވަމުން ދިޔަ ރަޝީދު ގިނަ ދުވަސްތަކުގައި ގެއަށް ދާއިރު އޭނާގެ ކުދިންނާ ވެސް ގިނަ ފަހަރު ބައްދަލުނުވެއެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމުން އާއިލީ މައްސަލަތައް ކުރިމަތިވެ އޭގެ ނުރަނގަޅު އަސަރުތައް ކުރުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް ރަޝީދުގެ އަންހެނުން އަބަދުވެސް އެއްވެސް ޝަކުވާއެއް ނެތި ސާބިތުވެ ހުރުމަކީ ރަޝީދަށް ކާމިޔާބީގެ ފޮނި މޭވާ ލިބުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެވެ.

ކާމިޔާބު މީހަކަށް ވުމަށް ރަޝީދުގެ އަގުހުރި ނަސޭހަތެއް

ރާއްޖޭގެ މަޝްހޫރު ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައި، ހިންގުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ރާއްޖޭގެ ޒުވާނުން ނަމޫނާއަކަށް ބަލަން ރަނގަޅު މިސާލެކެވެ. ކޮންމެ މީހަކުވެސް ބަލަންވީ ރަޝީދު ފަދައިން ކާމިޔާބުގެ ހަރުފަތްތައް ގިރާކުރުމަށް، ހިންމަތާ މިންނަތާއެކު މަސައްކަތްކުރުމަށެވެ.

"ކޮންމެ ބޭފުޅަކުވެސް މަސައްކަތްކުރަންވީ ގަޑިއަށް ފަރުވާތެރިވުމާ ހާޒިރީއަށް ފަރުވާތެރިވުމާ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން. މިއީ އެންމެ މުހިންމު މަސެޖެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. ކުރައްވާ މަސައްކަތްތަކެއް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ފުރިހަމަ ކުރުމާއި ބަރާބަރަށް އޮފީހަށް، ނޫނީ އެހެންތަނަކަށްވެސް ހާޒިރުވުން. އަބަދުވެސް ކުރިއަށް ދެވޭނެ ރާސްތާއެއް ހޯދުމަށް ވިޝަނެއް ކަނޑައަޅައި ކަންކަންކުރުން،" ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް