މޯލްޑިވިއަން ހިންގަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް

މޯލްޑިވިއަންގެ ފްލައިޓެއް. ފަސިންޖަރުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ވަނީ ދީފައި ---

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަނީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށާއި އެ އެއާލައިނުގެ ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސްގޮތަކަށް ކުންފުނީގެ ޕޮލިސީތައް ބައްޓަންކޮށްފައިނުވާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް އޮޕަރޭޓްކުރާ ޕައިލެޓުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ މަސައްކަތާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ އެކުންފުންޏަކީ ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާ އެއްގޮތަށް ހިންގަމުން އަންނަ ކުންފުުންޏެއް ކަމަށެވެ.

ކެޕްޓަން އަމީން ވިދާޅުވީ މޯލްޑިވިއަންގެ ސޭފްޓީ މިންގަނޑުތަކަކީ ބައިނަލްއަގްވާމީ ގޮތުން އޮޑިޓްކުރެވޭ ކަންތައްތަކެއް ކަމަށެވެ.

"އިއާސާ އާއި އިކާއޯއިން އޮޑިޓް ކުރާނެ އަޅުގަނޑުމެންގެ ސޭފްޓީ ސްޓޭންޑަޑްސް. ކޮންމެ އަހަރަކު އެއްފަހަރު މި އޮޑިޓްތައް ކުރާއިރު، ފްލައިކުރުމުގެ ހުއްދަ މި ދެނީ އޮޑިޓުން ފާސްވާ ނަމަ. މިހާރު މިދެކެވޭ ފަދަ ފެޓީގްގެ މައްސަލަތައް އޮޑިޓުން ހާމައެއް ނުވޭ،" ކެޕްޓަން އަމީން ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޕައިލެޓުން ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށާއި އޭގެ ސަބަބުން ވަރުބަލިވުން ފަދަ ކަންތައް ކުރިމަތިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، މި މައްސަލައަކީ މަދު ބަޔަކު ޖައްސައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި ކުންފުނީގައި މިފަދަ މައްސަލަތައް ރިޕޯޓު ކުރާނެ ޕްރޮސީޖާއެއް އޮއްވައި، އެނޫން ގޮތަކަށް ކަންތައް ކޮށް، މީޑިއާގައި މި މައްސަލަ ހިލުވައިލުމުން ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޕައިލެޓުން އަހަރަކު އެވްރެޖްކޮށް މަސައްކަތް ކުރަންޖެހެނީ 192 ދުވަހު އެވެ.

"ޔުނިފޯމު އަޅައިގެން ނިކުންނަން ޖެހެނީ އަހަރެއްގެ 365 ދުވަހުގެ ތެރެއިން 192 ދުވަހު. އަހަރަކު 66 ދުވަހުގެ ޗުއްޓީ ލިބޭނެ. 192 ދުވަހު ފްލައި ކުރާއިރު އެއީ އެވްރެޖްކޮށް ހަފްތާއަކު ތިން ގަޑިއިރާއި 40 މިނެޓް"، ކެޕްޓަން އަމީން މިއަދު ވިދާޅުވި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މޯލްޑިވިއަންގެ ޕައިލެޓުން މަސައްކަތް ކުރީ ހަފްތާއަކު ފަސް ދުވަހާއި ބައި، މަސައްކަތް ކުރުމަށް ފަހު 36 ގަޑިއިރުގެ ރެސްޓު ނަގައިގެންނެވެ.

އިއާސާގެ ގަވައިދުގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ 1 އިން ފެށިގެން ޕައިލެޓުން މަސައްކަތް ކުރަން ޖެހޭ ގޮތަށް ބަދަލު ގެނެސް އެތާރީހުން ފެށިގެން ހަފްތާ އަކު ހަތް ދުވަހު 60 ގަޑިއިރު މަސައްކަތް ކޮށް 48 ގަޑިއިރުގެ ރެސްޓެއް ނަގައި އަލުން ހަތް ދުވަހު ޖުމްލަ 60 ގަޑިއިރު މަސައްކަތް ކުރުމުން 36 ގަޑިއިރުގެ ރެސްޓެއް ލިބޭ ގޮތަށް ސިވިލް އޭވިއޭޝަންގެ ގަވައިދަށް ބަދަލު ގެނައެވެ.

ނަމަވެސް އެ ބަދަލު ގެނައި ފަހުން މޯލްޑިވިއަންގެ ޕައިލެޓުން މަސައްކަތް ކުރަނީ ހަފްތާ އަކު ހަތް ދުވަހު 60 ގަޑިއިރު މަސައްކަތް ކުރުމަށް ފަހު ދެ ދުވަހުގެ ބްރޭކެއް ނަގައި އަނެއްކާ ވެސް ހަތް ދުވަހުގެ 60 ގަޑިއިރު މަސައްކަތް ކޮށް ދެ ދުވަހުގެ ބްރޭކެއް ނަގައިގެންނެވެ.

އަދި ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މި ހަތް ދުވަސް ހަ ދުވަހަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަން އިން ބުނީ އެކުންފުނީގެ ޑިއުޓީ ރޯސްޓާ ތައްޔާރުކުރުމަށް ބޭނުންކުރާ އައި ފްލައިޓް ސިސްޓަމަކީ ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް ފަދަ އެއާލައިން ތަކުގައި ވެސް ބޭނުންކުރާ ސިސްޓަމް ކަމަށެވެ.

މޯލްޑިވިއަން އަކީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތައް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އެއާލައިން ކަމަށާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ކުންފިން އަޅާނެ ކަމަށާއި ފަސިންޖަރުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ދޭކަމަށް އެކުންފުނިން ބުނެ އެވެ.

މޯލްޑިވިއަންގައި 150 ޕައިލެޓުން މަސައްކަތް ކުރެއެވެ. އެ އެއާލައިނުން އަންނަނީ ރާއްޖޭގެ އެތެރޭގެ މަންޒިލުތަކުގެ އިތުރުން އިންޑިއާ، ތައިލެންޑް ބަނގްލަދޭޝް އަދި ޗައިނާއަށް ވެސް ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް