ކެމްޕެއިން ކުރުން މަނާ ވަގުތެއްގައި އިންޓަވިއު ދެއްވުމުން ރާހުލް ގާންދީ އާ ދެކޮޅަށް ދައުވާ ކުރަނީ

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ރާހުލް ގާނދީ --

އިންޑިއާގެ ގުޖުރާތުގައި ކުރިއަށްދާ އާންމު އިންތިހާބަށް ކެމްޕެއިން ކުރުން މަނާ ވަގުތެއްގައި ނޭޝަނަލް ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ދެއްވި އިންޓަވިއު އެއް ގުޖުރާތުގެ ޓީވީ ޗެނަލަކުން ދެއްކުމާ ގުޅިގެން ރާހުލް ގާންދީ އާ ދެކޮޅަށް ދައުވާ ކުރުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންޑިއާގެ ގާނޫނު ބުނާގޮތުން އިންތިޚާބު ބޭއްވުމުގެ 48 ގަޑިއިރު ކުރިން ކެމްޕެއިން ކުރުން ހުއްޓާލަން ޖެހެއެވެ. ގުޖުރާތުގެ ޓީވީ ޗެނަލަކަށް ރާހުލް ދެއްވި އިންޓަވިއުއެއް ޓެލެކާސްޓް ކޮށްފައިވާއިރު މާދަމާގެ ނިޔަލަށް ކުރިއަށްދާ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ވަގުތު ހަމަވެފައިވަނިކޮށް އިންޓަވިއު ޓެލެކާސްޓް ކުރި ޓީވީ ޗެނަލްތަކާ ދެކޮޅަށްވެސް މައްސަލަ ހުށަހަޅަން އިލެކްޝަންސް އިން ވަނީ ނިންމައިފައެވެ.

ކެނޑިޑޭޓަކު ނުވަތަ ކެނޑިޑޭޓެއްގެ މަންދޫބަކުވެސް މީޑިއާ އަށް އިންޓަވިއު ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށްބުނެ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ރާހުލް އަށް ނޯޓިސް ފޮނުވައިފައެވެ. އަދި އޭނާ އާ ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ވައްދާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ގުޖުރާތުގެ ޗީފް އިލެކްޓޯރަލް އޮފިސަރުގެ ސަމާލުކަމަށް އެ މައްސަލަ ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދަންނަވައިފައެވެ.

ގުޖުރާތުގެ އިންތިޚާބާ ގުޅޭގޮތުން ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ދެއްވި އިންޓަވިއު ޓެލެކާސްޓް ކުރި ކަމަށްބުނެ އާންމުން ވެސް ވަނީ ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅައިފައެވެ.

ރާހުލް އާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާގުޅިގެން ކޮންގްރެސްގެ ސަޕޯޓަރުން ބުނަމުންދަނީ އިލެކްޝަންސް ކޮމިޝަނުން އޮތީ ވެރިކަންކުރާ ބީޖޭޕީ ކޮޅަށް ގޮސް ހުސްވެފައި ކަމަށާއި އިންތިޚާބުގެ ތެރޭ ބީޖޭޕީ އިންވެސް ގާނޫނާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ވެސް އިލެކްޝަންސް ކޮމިޝަނުން ބަލައި ފިޔަވަޅު އެޅުމަށް އެ މީހުން އަންނަނީ ގޮވާލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް