ޅ. ހިންނަވަރުން އަލަށް ހިއްކި ބިމުން ބައެއް ތައިލެންޑް ކުންފުންޏަކަށް ކުއްޔަށްދޭން އުޅޭތީ ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފިއެވެ.
އެ ރަށުގެ އަލަށް ހިއްކި ބިމުން 13 ހެކްޓަރުގެ ސަރަހައްދުން ތައިލަންޑް ކުންފުންޏަކަށް ދޭން އުޅޭ ކަމަށްބުނެ އެ ރަށު ބައެއް މީހުން ވަނީ އެކަން ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ބައެއް މީހުންވަނީ އެކަމުގައި ކައުންސިލަރުން އިހުމާލުވަމުންދާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ރަށުގެ އަލަށް ހިއްކި ބިމުން ތައިލޭންޑް ކުންފުންޏަކަށް ބައެއް ކުއްޔަށް ދޭން އުޅޭ އިރު އެކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށެވެ. އަދި އެކަން ކުރަން އުޅެނީ ސިއްރުން ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.
ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސާލީހު މިއަދު "ސަން" އަށް ވިދާޅުވީ ހިއްކި ސަރަހައްދުން ކުއްޔަށް ބިމެއް ހޯދަން ތައިލެންޑް ކުންފުންޏަކުން އެދިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެދިފައި ވަނީ ހުއިފި ލަނޑާ އާލާ ކުރުމުގެ މަޝްރޫއުއެއް ހިންގަން ބިން ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ވިދާޅުވީ އެފަދަ ކަމަކަށް އެދިފައި ވާތީ އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އަދި އެ ބިން ދޭން ނުނިންމާކަމަށް އޭނާ ވިދާޅުވިއެވެ.
"ޅ.އަތޮޅު ގާއެރިފަރުގައި ހުއިފި ލަނޑާއާލާ ކުރަން މަސައްކަތް ކުރާ ތައިލެންޑްގެ ކުންފުނީގެ ވަގުތީ ސްޓޯރޭޖެއް ހެދުމަށް މިވަގުތު ރަށުން ބިމެއް ދީފައި އޮންނާނީ އެ ކުންފުންޏަށް. އެއީ ވަގުތީ ގޮތުން ދީފައި އޮތް ހުއްދައެއް. އެ ކުންފުނިން އެބަ ބޭނުންވޭ ހުއިފިލަނޑާ އާލާ ކުރާ ޕްރޮޖެކްޓެއް މި ރަށުގައި ވެސް ކުރިއަށް ގެންދަން. އެކަމަށް ބިމެއް ދިނުމާ ބެހޭ މަޝްވަރާތައް ކުރިއަށްދަނީ،" ސާލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިންނަވަރުގައި ހަދާފައި ހުރި ވަގުތީ ސްޓޯރޭޖު ބެލެހެއްޓުމަށް އެ ރަށުން މިހާރު ވެސް 16 މުވައްޒަފުން ނަގާފައިވާ ކަމަށާއި އެއިން ކޮންމެ މީހަކަށް 9000 ރުފިޔާގެ މުސާރައެއްދެމުންދާ ކަމަށެވެ.
އެފަދަ މަޝްރޫއުއެއް އެ ރަށަށް ލިބުމަކީ ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރާނެ ކަމަކަށްވާތީ ކައުންސިލުން ވަރަށް އިސްކަމެއްދީގެން އެ މަޝްރޫއު އެ ރަށުގައި ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އަދި ނުނިންމަން އެކުންފުންޏަށް ބިންދޭން. މިހާރު ކުރިއަށްދަނީ އެކަމުގެ މަޝްވަރާތައް. ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ފައިދާވާނެ ގޮތަކަށް އެކަން ކުރެވޭތޯ މަޝްވަރާ ކުރަމުން މިދަނީ،" ސާލިހު ވިދާޅުވިއެވެ.
ހިންނަވަރުން އަލަށް ހިއްކާފައިވާ ބިމަކީ 21 ހެކްޓަރުގެ ބޮޑު ބިމެކެވެ.