ރާއްޖެ ހިމެނޭހެން ތައިލެންޑުން 93 ގައުމަކަށް ވިސާގެ މުއްދަތު ކުރު ކުރަނީ

ތައިލެނޑުން 93 ގައުމެއްގެ ވިސާގެ މުއްދަތު ކުރަން ވަނީ ނިންމާފައި، ފޮޓޯ/ސައުތް ޗައިނާ މޯނިންގް ޕޯސްޓް

ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރާ ނުވަދިހަ ތިން ގައުމެއްގެ ފަތުރުވެރިންނަށް އެ ގައުމުގައި މަޑުކުރެވޭ މުއްދަތު ފަސްދޮޅަސް ދުވަހުން ތިރީސް ދުވަހަށް ކުރުކުރުމަށް ތައިލެންޑް ސަރުކާރުން އަންނަނީ ރާވަމުންނެވެ. އެ ގައުމުގެ ޚާރިޖީ ވަޒީރު ސިހަސަކް ޕުއަންކެޓްކާއޯ ވިދާޅުވި ގޮތުގައި މި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. މި ފިޔަވަޅު އަޅަން ނިންމާފައިވަނީ ފަތުރުވެރިންގެ ނަމުގައި އެތެރެވާ ބިދޭސީން ހިންގާ ގަވާއިދާ ޚިލާފު ވިޔަފާރިތަކާއި ކުށްކުރުން އިތުރުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ބޮޑުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ތައިލެންޑުގެ ވިސާ ދިނުމުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓް، ސްޓޫޑެންޓް، އަދި ޑިޖިޓަލް ނޮމެޑް ވިސާތަކުގެ ޝަރުތުތައް މުރާޖައާކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޯވިޑް ނަވާރައިގެ ކުރިން ދެހާސް ނަވާރަ ވަނަ އަހަރު ސާޅީސް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ތައިލެންޑަށް، މިހާރު ރަޝިޔާއާއި ޔޫކްރެއިން އަދި ޣައްޒާ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހިޖުރަކުރަމުންނެވެ. މިގޮތަށް ގޮސް ގިނަ ބިދޭސީން ތައިލެންޑުގައި ވިޔަފާރިކޮށް ތަކެތީގެ އަގު ބޮޑުކުރާތީ އާންމުންގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް ފަތުރުވެރިކަމަކީ އެ ގައުމުގެ އިގުތިސާދުގެ މައިގަނޑު މަސްދަރު ކަމަށްވާތީ، ވިސާ ފްރީ ސިޔާސަތު މުޅިން ހުއްޓައިލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކަށް ރުހުން ހޯދުމަށް ވަރަށް އަވަހަށް ކެބިނެޓަށް ހުށަހެޅޭނެއެވެ.

  • ތައިލެންޑުން ނުވަދިހަ ތިން ގައުމެއްގެ ވިސާ ފްރީ މުއްދަތު ފަސްދޮޅަސް ދުވަހުން ތިރީސް ދުވަހަށް ކުރުކުރަނީއެވެ.
  • ވިސާގެ މުއްދަތު ކުރުކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.
  • މި ބަދަލު ގެންނަނީ ގަވާއިދާ ޚިލާފު ވިޔަފާރިތަކާއި ކުށްތައް މަދުކުރުމުގެ ބޭނުމުގައެވެ.
  • ފަތުރުވެރިކަމަކީ އިގުތިސާދަށް މުހިންމު ދާއިރާއަކަށްވާތީ ވިސާ ފްރީ ސިޔާސަތު އެއްކޮށް އުވައެއްނުލާނެއެވެ.

ގަވާއިދާ ޚިލާފު ވިޔަފާރިތަކާއި ކުށްތަކުގައި ފަތުރުވެރިން ބައިވަރިވަމުންދާތީ ކުށްކުރުން މަދުކުރުމުގެ ގޮތުން 93 ގައުމަކުން ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރާ ފަތުރުވެރިންނަށް އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުރުކުރުމަށް ތައިލެންޑް ސަރުކާރުން ރާވަމުންދާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ސިހަސަކް ޕުއަންކެޓްކާއޯ ވިދާޅުވެއްޖެއެވެ.

ފަތުރުވެރިން ވިސާއާ ނުލާ ތިބޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުޑަކުރުމަށް ރުހުން ހޯދުމަށް ކެބިނެޓަށް ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ޕުއަންކެޓްކާއޯ ވަނީ ވިދާޅުވެފައެެވެ. އެ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ.

އަދި ތައިލެންޑްގެ ލިބަރަލް ވިސާ ޕޮލިސީތައް އޯވަހޯލް ކުރުމުގެ ތެރެއިން އިންވެސްޓްމަންޓް ވިސާއާއި ދިގު މުއްދަތުގެ ރެޒިޑެންސީ ޕާމިޓާއި ސްޓޫޑެންޓް ވިސާއާއި ޑިޖިޓަލް ނޮމެޑް ސްކީމްތަކުގެ ޝަރުތު ހަމަވާ މިންގަނޑުތައް ވެސް މި ހުށަހެޅުމުގައި މުރާޖައާ ކުރާނެއެވެ.

މި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ބޭރުގެ ރައްޔިތުން ޚާއްސަކޮށް ރަޝިޔާ، ޗައިނާ އަދި އެހެނިހެން ބިދޭސީން ތައިލެންޑުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭތީ ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިގްތިސާދު ވަރަށް ބޮޑަށް ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ ތައިލެންޑުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ކުރިން 2019 ވަނަ އަހަރު ގާތްގަނޑަކަށް 40 މިލިއަން ފަތުރުވެރިންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ޣައްޒާ ހަނގުރާމަ ހިމެނޭހެން ހަމަނުޖެހުން އޮތް ސަރަހައްދުތަކުން ތައިލެންޑަށް މީހުން ބަދަލުވުުމުން ކޮވިޑަށްފަހު އޭގެފަހުން ފާއިތުވި އަހަރުތަކުގައި ފަތުރުވެރިންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވެފައެވެ.

ނަމަވެސް އެކަމުގެ ސަބަބުން ފަތުރުވެރިންގެ ބައެއް ހޮޓްސްޕޮޓްތަކުގައި ގައުމުން ބޭރު މީހުން ވިޔަފާރިކޮށް އަގުތައް މަތިކުރަމުންދާ ކަމުގެ ޝަކުވާ ތައިލެންޑުންގެ އާންމުން އަންނަނީ ކުރަމުންނެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވިދާޅުވީ ވިސާ ފްރީ ސިޔާސަތު މުޅިން ދޫކޮށްލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި ފަތުރުވެރިކަމަކީ ގައުމަށް އާމްދަނީގެ މުހިންމު މަސްދަރެއް ކަމަށް ފާހަގަކުރައްވާ ކަމަށެވެ.

comment ކޮމެންޓް