ފްރީކުއެންސީ ލައިސަންސްފީގެ ގޮތުގައި 1.5 މިލިއަން ދައްކަން އެޓޯލް އިންވެސްޓްމަންޓަށް ހުކުމްކޮށްފި

ޖަސްޓިސް ބިލްޑިގ --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ފްރީކުއެންސީ ލައިސަންސްފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދެއްކުމަށް އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިމަހުގެ ހަތް ވަނަ ދުވަހު އިއްވި ހުކުމްގައި ވަނީ 2008 ވަނަ އަހަރުގެ މެއި 25 ވަނަ ދުވަހު އެ ކުންފުންޏަށް ދޫކޮށްފައިވާ ޓެރެސްޓްރިއަލްކޮށް ޓީވީ ބްރޯޑްކާސްޓްކުރުމުގެ ފްރިކުއެންސީ ލައިސަންސްގެ ދަށުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި އަދި 2016 ވަނަ އަހަރުގެ ފްރިކުއެންސީ ލައިސަންސްފީ ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފްރިކުއެންސީ ބޭނުންކުރުމުގެ ޝަރުތުގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އަހަރީފީ ދައްކާ ތާރީޚާ ހަމައަށް އަރާ ޖޫރިމަނާގެ ފައިސާ ވެސް އެކުންފުނިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ފްރިކުއެންސީ ލައިސަންސްފީގެ ގޮތުގައި ދައްކަންޖެހޭ 1.5 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ފައިސާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިދިނުމުގެގޮތުން ތިން މަސް ތެރޭ އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް