މާލެ - ވިލިނގިލި ފެރީ ޓާމިނަލްގެ ފެންވަރު ރަނގަޅު ކުރުމަށް ފަހު ބޭނުންކުރަން ފަށައިފި

މާލެ އާއި ވިލިނގިއްޔާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތްދޭ "ދާންނާ ގިމަތަ"ގެ ފެންވަރު ރަނގަޅުކޮށް ރަސްމީކޮށް ހިދުމަތްދޭން ފެށުން -- ފޮޓޯ: އެމްޓީސީސީ

މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތްދޭ "ދާންނާ ގިމަތަ"ގެ ފެންވަރު ރަނގަޅުކޮށް ރަސްމީކޮށް ހިދުމަތްދޭން ފަށައިފި އެވެ.

ފެރީގެ ހިދުމަތްދޭ އެމްޓީސީސީ އިން މިއަދު ބުނީ ވިލިމާލެ ފެރީ ޓާމިނަލް "ދާންނާ ގިމަތަ"ގެ ހިދުމަތް ރަސްމީ ގޮތުން ދޭން ފަށާފައި ވަނީ ރޭ މެންދަމު 00:00 އިން ފެށިގެން ކަމަށެވެ.

ކުރީގައި ޙިދުމަތްދެމުން ދިޔަ ޓާމިނަލްގެ ޕާކިން ޒޯންގެ ގޮތުގައި ބޭނުންކުރަމުން އައި ބިމުގައި ގާއިމުކުރި އެ ފެރީ ޓާމިނަލްއަކީ 240 ފަސެންޖަރުންގެ ޖާގައިގެ ޓާމިނަލްއެއް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އާ ފެރީ ޓާމިނަލް އަކީ ފަސެންޖަރުންނަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށް، ފެންވަރު ރަނގަޅު ޓާމިނަލްއެކެވެ.

އެމްޓީސީސީ އިން ބުނީ އާ ޓާމިނަލް އާ އެކު މިހާރު ވިލިމާލެ ފެރީ ޙިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ވެސް މަރާމާތުކޮށް، ފެންވަރު ރަނގަޅު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލެ ފެރީ ޓާމިނަލްގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ގޭޓްތައް ހަރުކުރުމާ އެކު ދަތުރު ކާޑުގެ ޙިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީ އިން ހުޅުމާލޭގައި ދެމުން ގެންދާ އެއާޕޯޓް ބަހުގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމް ހަރުކުރެވި ޓެސްޓުކުރުމުގެ މަސައްކަތްތަކެއް ވަނީ ކާމިޔާބުކަމާ އެކީ ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެއާ އެކު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ދަތުރު ކާޑުގެ ޙިދުމަތް ފުޅާކޮށް ކުންފުނިން ދެމުން އަންނަ ގިނަ ޙިދުމަތްތަކުގައި ދަތުރު ކާޑު ބޭނުންކުރަން ފައްޓާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ވިލިމާލޭގެ އިތުރަށް ތިލަފުށި، ގުޅީފަޅު އަދި އަތޮޅުތަކުގެ ފަސެންޖަރުންގެ ފެރީ އަދި މުދާ ފެރީގެ ޙިދުމަތް ވެސް އާ ފެރީ ޓާމިނަލްއިން ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އަލަށް ހުޅުވި ފެރީ ޓާމިނަލްގައި ފަތުރުވެރިންނަށް ޙާއްސަ ސަރަޙައްދެެއް ވެސް ގާއިމްކޮށްފައިވާ ކަމަށާއި ވިލިމާލެ ފެރީ ޓާމިނަލް އާ އިމާރާތަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބަކީ ކުރީގައި ބޭނުންކުރި އިމާރާތް އިތުރަށް ތަރައްގީކޮށް ޙިދުމަތްތައް ފުޅާކުރުން ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އެގޮތުން އާ ޓާމިނަލްއަކީ ކުރީގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ނިމެންދެން ބޭނުން ކުރުމަށް އިމާރާތްކުރި ވަގުތީ ޓާމިނަލްއެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.

comment ކޮމެންޓް