ނައިފަރު މަސްވެރިންގެ ލޭނާރަކީ އެމީހުންގެ އަނބިން، މަސްވެރި އަންހެނުން!

ނައިފަރު ކަނބަލުން މަސްވެރިންނަށް ފަރިވަޅު އަރުވަނީ--ފޮޓޯ/ފޭން

"މަސްވެރިންނޭ" ބުނެލުމުން، ހިވޭ އެއީ ހުސް ފިރެހެނުން

"މަސްވެރިންނީ" އަސްލުގައި، ހީވާގި މިއުޅޭ އަންހެނުން

ކޮންމެ ރެއަކުމެ ފަޖުރުތަރި އެރުމާ އެކީ ހަމަ އާދައިން

ކޮއްތުތަށި ތައްޔާރުކޮށް ފެންގެނެސްދެނީ ބަލަ އަންހެނުން

ޅެން ވެރިއާ އެވިދާޅުވީ ހާދަހާވާ ބޮޑު ތެދެކެވެ. ހަގީގަތުގައި ވެސް މަސްވެރިންނަކީ ހަމައެއެކަނި ފިރިނުންނެއް ނޫނެވެ. މަސްވެރިންނަކީ އަސްލުގައި ހަމަ ހީވަގި ކަނބަލުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މަސްވެރިއަކު ހަގީގީ މަސްވެރިއަކަށް ހަދައިދެނީ އެވެރިންގެ އަނބިން ކަމީ ދޮގެއް ވެސް ނޫނެވެ. އަދި ފިރިމީހާ ބާނާ މަސް ލާރިއަށް ހަދައިދެނީ، އަންހުން ކަމީ އެ ދުވަހުގެ ވެސް މިއަދުގެ ވެސް ހަގީގަތެވެ.

ޒަމާން ބަދަލުވެ ފަންރިޔާ ނަގައިގެން ދުއްވި އަނގަމަތީ މަސްދޯނިތައް ދެ އިންޖީނުލީ ބޮޑެތި އުޅަނދުފަހަރަށް ބަދަލުވެގެން ދިޔަ އިރު ވެސް ބަދަލުނުވީ އެ ޒަމާނުންސުރެ މަސްވެރިން ކުރާ ހިތްވަރަށް އެވެރިންގެ އަނބިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމެވެ. އެ ހިތްވަރު އަދި ވެސް ފަނޑުވުމެއް ނެތެވެ. ޒަމާނަށް އައި ބަދަލާ އެކު ވެސް ދިވެހި ކަނބަލުން އަދި ވެސް ދަނީ އެ ނަމޫނާ ދައްކަމުންނެވެ. އެހެންކަމާ އެކު ދުވަހަކަށް އަލިވިލޭ އިރު ހަމަ އެކަނި މާކަނޑުގައި މަސްބާނަން ހުންނަ ފިރިހެން މީހާގެ ވާހަކަ ދައްކައިގެން ފަރުޖައްސާލެވޭ ކަށްނެތެވެ. ހަފުތާގެ ބޮޑުބައި ކަނޑުމަތީގައި ހޭދަކުރާ މަސްވެރިއާގެ ދަރިންގެ ތަރުބިއްޔަތާއި ހަވާލުވަނީ އެ ހީވާގި ކަނބަލުންނެވެ. ނުވީ ތާކަށް މަސްވެރިން ބާނާ މަސް ވެސް"ފައިދާ" އަކަށް ބަދަލުކޮށްދެނީ އެކަނބަލުންގެ ހިތްވަރުންނެވެ.

ނައިފަރު ކަނބަލުން މަސްވެރިންނަށް ފަރިވަޅު އަރުވަނީ--ފޮޓޯ/ފޭން

އާބާދީގައި 5000 މީހުން އުޅޭ ޅ. ނައިފަރުން މި މަންޒރު ކިތަންމެހާ ވެސް ސާފު ސީދާކޮށް ވެސް ފެނިގެން ހިނގައްޖެ އެވެ. އާބާދީގެ ބޮޑު ޕަސެންޓެއް މަސްވެރިކަމުން ލިބޭ އާމްދަނީއަކުން ދިރިއުޅޭ އިރު އެ ރަށުގެ އަންހެންވެރިންގެ މަސައްކަތަކީ މަސްވެރިކަމުގައި ފިރިހެން ވެރިންނަށް އެހީތެރިވުމެވެ. އެ ރަށަކީ މަސްވެރި ފިރިހެނުންނެކޭ އެއްގޮތަށް ފިސާރި ޖޯޝު ހުރި މަސްވެރި އަންހެނުންތަކެއް ވެސް ދިރިއުޅޭ ރަށެކެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު އަތަށް އަޅާލި އިރު އެ ރަށުގެ މަގުތައް ހަލަބޮލި ވެގެންދިޔައީ ޒާތްޒާތުގެ ލިބާހާއި ދިގު ހެދުމުން ފެށިގެން ގޮސް ނަން ހުސްކޮށް ދިވެހި ޘާގާފީ ހެދުމުންނެވެ. ކޮންމެ މީހަކު ވެސް ރީތިވެގެން އެ ނުކުތީ ހުކުރު ދުވަހު ރަށުގައި އަރާމްކޮށްލަން ނުކުތް އެވެރިންގެ ފިރިންނަށް ފަރިވަޅު އަރުވާށެވެ. މުނާސަބަތަކީ މަސްވެރިންގެ ދުވަހުގެ މުނާސަބަތެވެ.

ފިޝަމެން އެސޯސިޢޭޝަން އޮފް ނައިފަރު (ފޭން)ގެ އިސް ނެގުމާ އެކު ކަނބަލުން ރޭވި ހަރަކާތުގައި ވަކި އުމުރުފުރާއެއް ނެތި އެ ރަށުގެ ހުރިހާ އަންހެންވެރިންހެން ވަނީ ބައިވެރިވެފަ އެވެ. ފަރިވަޅު ތައްޔާރު ކުރީ ވެސް އެވެރިން އަމިއްލަ އަށެވެ. މަގްސަދަކީ ފިރިން ރަތްދަކަ އަވީގައި ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުވެ.

ނައިފަރު ކަނބަލުން މަސްވެރިންނަށް އަރުވަން ތައްޔާރުކުރި ފަރިވަޅު--ފޮޓޯ/ފޭން

ނައިފަރު ކައުންސިލްގެ މެމްބަރު މަމްނޫ އީސާ "ސަން"އަށް ވިދާޅުވީ ހުކުރު ދުވަހު ހިންގި ހަރަކާތަށް ރަށުގެ އެންމެންގެ ފަރާތުން ބޮޑު އެެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި މަސްވެރިންނަށް މި ކަމުގެ ސަބަބުން ބޮޑު "ސަޕްރައިޒް"އެއް ލިބިގެން ދިޔަ ކަމަށެވެ.

"މިއީ ފޭން އިން ހިންގި ހަރަކާތެއް. މިއީ މަސްވެރި ރަށެއް. މި ރަށުގެ ކޮންމެ އާއިލާއަކީ ވެސް މަސްވެރިއާއިލާތަކެއް. އެހެން ކަމުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިފަދަ ކަމެއްކޮށްލީ،" 40 އަށް ވުރެ ގިނަ މަސް ދޯނި އޮންނަ ނައިފަރު ކައުންސިލް މެމްބަރު މަމްނޫ ވިދާޅުވި އެވެ.

ޒަމާނުންސުރެ އުތުރުގެ އެންމެ އަމާން ބަނދަރުގެ ގޮތުގައި ފާހަގަވެފައިވާ ނައިފަރު ރައްޔިތުންގެ ގުޅުން މި ކަމުން ފެނިގެން ދިޔަ އިރު "ސަން"އާ ވަހަކަ ދެއްކި ބައެއް މަސްވެރިން ވަނީ އެމީހުންގެ އެ މަސައްކަތުގައި އެމީހުންގެ އަނބިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ދޭ ހިތްވަރު ފާހަގަކޮށްފަ އެވެ.

"މި ކަމެއް ނުވާނެ އަންހެނުންނާއި ދަރިންގެ އެއްބާރުލުން ނުލިބޭ ނަމަ. ހަގީގަތުގައި އަބަދު މިއުޅެނީ ކަނޑުމަތީގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސައްކަތް އެކުރަނީ އަންހެނުން. އެއީ އަސްލު ވަރަށް ބޮޑު ކަމެއް،"ފޯނުން ދިން އިންޓަވިއުއެއްގައި ޒުވާން މަސްވެރިއަކު ބުންޏެވެ.

ނައިފަރު ކަނބަލުން މަސްވެރިންނަށް ފަރިވަޅު އަރުވަނީ--ފޮޓޯ/ފޭން

މަސްވެރިކަމުގައި 12 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މަސްވެރިއަކު ބުނީ އަންހެންވެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ މަސްވެރިކަމުން ހަގީގީ މަންފާ ނުލިބޭނެ ކަމަށެވެ. އަދި ބުނީ މިއަދު އަންހެންވެރިން ފަރިވަޅު އެރުވުމުން އެކަމާ މެދު ވަރަށް އުފާވި ކަމަށެވެ. އަދި އެމީހުން ކުރާ މަސައްކަތް ގާތް މީހުން ބަލައިގަންނަ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

ފަރިވަޅު އަރުވަން ދިޔަ އަންހެނަކު ބުނީ އެއީ މަސްވެރިންގެ ދުވަސް ފާޙަގަކޮށްލަން ކުރި ތަފާތު ކަމެއް ކަމަށާއި ބޭނުންވީ ވަރުބަލިވެފައި ތިބި އެ ރަށު މަސްވެރިންނަށް ހިނިތުންވުން ގެނުވާ ފަދަ ކަމެއް ކޮށްލުން ކަމަށެވެ.

ރަށު ކައުންސިލް މެމްބަރު މަމްނޫ ވިދާޅުވީ ކޮންމެ އަހަރަކު ވެސް މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެ ޖިންސުގެ ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށާއި އެގޮތުން މިފަހަރު ވެސް ހާއްސަ ހަފްލާއަކާއި މަސްރޭހެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ނައިފަރު ކަނބަލުން މަސްވެރިންނަށް ފަރިވަޅު އަރުވަނީ--ފޮޓޯ/ފޭން

މުޅި ރާއްޖޭގެ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު މިއަދު ނައިފަރު އަންހެން ވެރިން އެދެއްކީ މީގެ އެތައް ޒަމާނުންސުރެ ވެސް މަސްވެރިކަމުގައި ދިވެހި ކަނބަލުން ވަމުންދާ ހިއްސާގެ މިސާލެކެވެ. އިހު ޒަމާނުގައި ވެސް ހައްސަބައިގެން އޮޑިތައް ނެރުން ވަނުމާ އެކު ފަރިވަޅުތައް ހިފައިގެން އަންނަނީ އަންހެނުންނެވެ.

އަދި އެހާ ހިސާބުން ނިންމާލަނީކީ ނޫނެވެ. މަސްކަނޑާ ނިމުމުގެ ކުރިން ތެލިތައް އުނދުމައްޗަށް އުދައި މަސްއަޅާ ދިޔަގަނޑު މޮޅަށް ކައްކާފައި ނޫނީ އެ ކަނބަލުންނަށް އަވަދިވާ ކަމަކަށް ނުވެ އެވެ. މުޅިރޭގެ ނިދި ނަގާލުމަށް ފަހު މަސް ކެއްކުމުގައި އެ ކަނބަލުން ހަރަކާތްތެރިވާ އިރު މަސްތަކުން ކައްޓާއި ހަން ދަމަމުން ރިހާކުރު އޮލަ ކުރަނީ ވެސް އެ ކަނބަލުންނެވެ. އަދި ކައްކާ މަސް އަވިލާން އަވީގައި ވެސް ތިބެނީ އަރުވާ ޖަހައިގެން ހަމަ އެ އަންހެންވެރިންނެވެ.

މަސްކަނޑަށް ގޮސް މަސްނުބޭނިޔަސް ކަނބަލުން މި ސިނާއަތަށް ދެމުންދާ އެއްބާރުލުމާއި ވަމުންދާ ގުރުބާނީ ފާހަގަކުރަން ޖެހެ އެވެ. މަސްވެރިންގެ ދުވަސް މަސްވެރިންނަށް ހާއްސަވާއިރު އެމީހުނެކޭ އެއްގޮތަައް އެޝަރަފް ހައްގުވާ އެއްބަޔަކީ ވެސް މަސްވެރިންގެ އަނބިންނެވެ.

އެކަން މިއަދު ނައިފަރުން ފެނިގެން ގޮސްފި އެވެ. އެމީހުންގެ ފިރިން މަސްވެރިކަމުގައި އަނބިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ސާބަސް ރައްދުކުރެ އެވެ. އެ ސަބަބަށް ޓަކައި އެ ރަށުގައި މަސްވެރިންގެ ދުވަސް ފާޙަގަ ކުރަނީ ވަކި ޖިންސެއްނެތި އެވެ. ނައިފަރުގައި ތިބީ ހުސް މަސްވެރިންނެވެ.

comment ކޮމެންޓް