ކެލިފޯނިއާގެ އަލިފާނުގައި ވިޔަފާރިތަކަށް ބޮޑެތި ގެއްލުތަކެއް

ކެލިފޯނިއާގައި ފެތުރިފައިވާ އަލިފާންގަނޑު. އަލިފާނުގެ ސަބަބުން ވިޔަފާރިތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުން--

މިދިޔަ ބުދަ ދުވަހުން ފެށިގެން ކެލިފޯނިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ދަނޑުވެރިކަމުގެ އިންޑަސްޓްރީ އެކްސްޕާޓުން ބުނިގޮތުގައި އަލިފާނުގެ ސަބަބުން ކެލިފޯނިއާގެ އުތުރުގައި ހުރި އެވޮކާޑޯ ދަނޑުތަށް ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.

ކެލިފޯނިއާގެ އެވޮކާޑޯ ކޮމިޝަނުން ބުނިގޮތުގައި އެތަކެއް ސަތޭކަ އޭކަރުގެ ދަނޑުބިންތައް މިހާތަނަށް ވަނީ އަނދައިފައެވެ. އަލިފާން ނިއްވުމުގައި މިހާރުވެސް 5700 އަލިފާންނިއްވާ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގައި 90 ޕަސެންޓު އެވޮކާޑޯ ހައްދަނީ ކެެލިފޯނިއާގައެވެ. އެންމެ ފަހުންވެސް އެވޮކާޑޯ މޫސުމުގައި ވެސް ހެއްދި އެވޮކާޑޯގެ އަގު 300 މިލިއަން ޑޮލަރަށް އަރާކަމަށް ކެލިފޯނިއާގެ އެވޮކާޑޯ ކޮމިޝަނުން ބުންޏެވެ.

ކެލިފޯނިއާގައި އެންމެ ގިނައިން އެވޮކާޑޯ ހައްދާ ވެންޓޫރާ ކައުންޓީގެ 466 އަކަކިލޯމީޓަރުގެ ސަރަހައްދަކަަށް އަލިފާނުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ކެލިފޯނިއާގެ ސަރުކާރުން ބުނާ ގޮތުގައި އަލިފާނުގެ ސަބަބުން މުޅި ދަނޑުވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެލިފޯނިއާގައި ކުއްލި ހާލާތު އިއުލާންކޮށްފައިވާއިރު، މިހާތަނަށް ވަނީ 200،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

comment ކޮމެންޓް