ދިރިއުޅުމަކީ މިއީބާ ގެ ކުރީގެ ޕްރޮގްރާމްތައް ސަން ޕްލޭއަށް

ސަންޓީވީން "ދިރިއުޅުމަކީ މިއީބާ" ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދިރިއުޅުމަކީ މިއީބާ ގެ ކުރީގެ ޕްރޮގްރާމްތައް ސަން ޕްލޭއިން ބެލޭގޮތަށް ހަމަޖައްސައިފި އެވެ. މި ގޮތަށް ހަމަޖެހިގެން ދިޔައީ ސަން މީޑިއާ ގުރޫޕާއި ޔުސުފް ރަފީއު (ޔޫސޭ) އާއި ދެމެދު ދާދި ފަހުން ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސަން މީޑިއާ ގުރޫޕުގެ އޮފިޝަލަކު ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ގެ 30 އެޕިސޯޑު ސަން ޕްލޭ މެދުވެރިކޮށް ބަލައިލެވޭނެ އެވެ. އޭގެން އެއް އެޕިސޯޑު މިއަދު ވަނީ ސަން ޕްލޭއަށް އަޕްލޯޑުކޮށްފަ އެވެ. އެއީ ދިރިއުޅުމަކީ މިއީބާ ގެ އެންމެ ކުރީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ "ރިހާކުރު" އެވެ.

ސަން ޕްލޭ އަކީ އެކި ކަހަލަ ވީޑިއޯތައް ބަލައިލެވޭ ގޮަތަށް ރާއްޖޭގައި ތަޢާރަފުކޮށް ހިންގާ އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯމެވެ. ސަން ޕްލޭގައި މިހާރު 3000 އަށް ވުރެ ގިނަ ވީޑިއޯ ހިމެނެ އެވެ. ސަން ޕްލޭގައި އަމިއްލަ ޗެނަލްތައް ހަދައި ވީޑިއޯތައް ލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އެ ގޮތުން ސަން ޕްލޭއަށް އެކި ފަރާތްތަކުގެ ޗެނަލް ހަދައި ވީޑިއޯތައް ހިމެނުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެ އެވެ.

ސަން މީޑިއާއިން ދާދި ފަހުން ވަނީ "ޔޫސޭ ދޮރުން ދޮރަށް' ގެ ނަމުގައި ވެސް އާ ޕްރޮގްރާމެއް ތަޢާރަފުކޮށްފަ އެވެ. އެ ޕްރޮގްރާމް މި މަހުގެ ތެރޭގައި ދައްކަން ފަށަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް