އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

އިއްތިހާދު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި --

ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން "އިއްތިހާދު" އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

އެ އެއާލައިނުން އިއްޔެ ބުނީ އަންނަ އަހަރުގެ ޖޫން އިން ފެށިގެން އެ އެއާލައިން އިން ރާއްޖެއަށް ހަފްތާއަކު 11 ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން މިހާރަށްވުރެ އިތުރަށް ހަފްތާ އަކު ހަތަރު ދަތުރު ބާއްވަން އިއްތިހާދުން ވަނީ ނިންމައިފައެވެ. އެގޮތުން ހުކުރު، ހޮނިހިރު އާދިއްތަ އަދި ހޯމަ ދުވަހު އިތުރު ފްލައިޓެއް ބާއްވަން ވަނީ ނިންމައިފައެވެ.

"މިއީ ވަރަށް ޑިމާންޑް ބޮޑު ރޫޓެއް. އެހެންވެ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ. ކުރިއަށް އޮތްތަނުގައި ޑިމާންޑް އިތުރުވާނެ މިންވަރަށްވެސް ބަލާފަ،" އިއްތިހާދުން ބުނެފައިވެއެވެ.

އިއްތިހާދުން ބުނީ، ފްލައިޓުގެ ވަގުތު ކަނޑައަޅާއިރު ޓުއަރިސްޓުންނަށް ރިސޯޓުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތަށް ދަތުރުތައް ބޭއްވުމަށް އިސްކަންދޭނެ ކަމަށެވެ.

ފާއިތުވި އަހަރުގެތެރޭ ޔޫއޭއީ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 35 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އިއްތިހާދު އެއާވޭސްއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޔޫރަޕްގެ ޓުއަރިސްޓުންވެސް ހިޔާރުކުރާ އެއާލައިނެއް ކަމަށް އިއްތިހާދުން ބުނެއެވެ.

އިއްތިހާދުން ރާއްޖެއަށް ދަތުރުތައް ފެށީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިއަދާއި ހަމައަށް އެ އެއާލައިނުން 550000 އަށް ވުރެ ގިނަ ފަސިންޖަރުން މި ރޫޓުގައި ދަތުރުކޮށްފައި ކަމަށް އިއްތިހާދުން ބުނެއެވެ.

އިއްތިހާދުން މިހާރުވެސް ކޮންމެ ދުވަހަކު މާލެ އާއި އަބޫ ދާބީ އާ ދެމެދު ދަތުރުތައް ބާއްވައެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެއަށް ގެންނަ އެއާލައިނަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަކީ ޓުއަރިޒަމަށްވެސް އަންނާނެ ކުރިއެރުމެކެވެ. ޔޫރަޕާއި މެދުއިރުމަތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް