މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ޝޫޓިން ނިންމާލައިފިއެވެ.
ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން މަރީ ބުނީ ޝޫޓިން އެއްކޮށް ނިންމާލުމަށްފަހު މިހާރު ކުރިއަށްދަނީ ފިލްމުގެ އެޑިޓިން ގެ މަސައްކަތް ކަމަށެވެ.
މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދުގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އެވެ. މީގެ އިތުރުން ފިލްމުގެ ސައިޑް ރޯލަކުން ލަންކާގެ ތަރިއަކުވެސް ފެނިގެންދާނެއެވެ. ފިލްމުގެ ކެމަރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
މި ފިލްމުގެ ތީމް ލަވަ އާއެކު ޖުމްލަ ހަތަރު ލަވަ ހިމެނޭނެއެވެ. އޭގެ ތެރޭގައި މީގެ ކުރިން ދިވެހިންގެ މެދުގައި މަގުބޫލުވި ލަވަތައްވެސް ހިމެނެއެވެ.
"ހިތު ވިންދު"، "ސަޒާ"، "ސިއްރު" އަދި "ހިތުގެ އެދުން" ފަދަ މަގްބޫލު ދިވެހި ވަހަކަތައް ލިޔެފައިވާ މަރީގެ ފުރަތަމަ ޑައިރެކްޝަން އޭނާގެ ވާހަކަތަކާ އެއްވަރަށް އަސަރުގަދަވާނެ ކަމާމެދު ޝައްކެއް ނެތެވެ. މި ފިލްމުވެސް އުފައްދާފައިވަނީ މަރީގެ ވާހަކައެއްގެ މައްޗަށެވެ.
"ތިޔަ ލޯތްބާ ދުރަށް" އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ ބެލުންތެރިންނާ ހަމައަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަރީ ބުންޏެވެ.
"އަދި ސީދާ ދުވަހެއް ފައިނަލެއް ނުވޭ. މާލެ އާއި ލަންކާގައި އެލުވޭތޯ މި މަސައްކަތް ކުރަނީ،" ފޯނުން ދިން އިންޓަވިއުއެއްގައި މަރީ ބުންޏެވެ.
ތިނެސްކަން ލޯބީގެ މައްޗައް އުފައްދާ "ތިޔަ ލޯތްބާ ދުރަށް" ގެ އިންތިޒާރުގައި މަރީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ތިބޭނެ ކަން ޔަގީނެވެ.