ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ތޮއްޔިބު ކުރި ޓްވީޓަށް އަންވަރު ރައްދު ދެއްވައިފި

ޕާސްޕޯޓު ކާޑު ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ތޮއްޔިބު ޝަހީމް ކުރި ޓްވީޓަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު ރައްދު ދެއްވައިފި އެވެ.

ޕާސްޕޯޓު ކާޑުގެ ފޮޓޯއަކާ އެކު ރޭ ތޮއްޔިބު ކުރި ޓްވީޓުގައި ބުނެފައިވަނީ، އެ ކާޑު ހަދައިފި ނަމަ، ކާޑުގެ ވެރިފަރާތުގެ އެކައުންޓުން ކުރާ ހުރިހާ މުއާމަލާތެއް ޕީޕީއެމްގައި ރެޖިސްޓްރީ ކުރެވުނީ ކަމަށެވެ. އަދި އެ ކާޑަކީ މީހާއާ ބެހޭ މައުލޫމާތު ހިމެނޭ ޑެބިޓް މާސްޓާ ކާޑެއް ކަމަށް ތޮއްޔިބު ބުންޏެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރު ސޮއި ކުރައްވައި މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޕާސްޕޯޓު ކާޑާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ވެރިފައިޑް އެކައުންޓް ބޭނުންކޮށް ހަގީގަތާ ޚިލާފު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށެވެ.

ތޮއްޔިބަށް ރައްދު ދެއްވައި އަންވަރު ވިދާޅުވީ ޕާސްޕޯޓު ކާޑަކީ ޕާސްޕޯޓެކޭ އެއްފަދައިން ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ޒަމާނީ ސިފަތައް ހިިމަނާފައިވާ ކާޑެއް ކަމަށެވެ. އަދި އެ ކާޑުގެ ވެރިފަރާތުގެ ބޭންކް އެކައުންޓާއި އެ ކާޑާ ލިންކް ކުރެވޭނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވައިގެން ކަމަށް އަންވަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެކާޑުގައި އެކާޑުގެ ވެރިފަރާތުގެ ބޭންކް ތަފްސީލު ހިމަނާނީ ބީއެމްއެލްއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ބޭންކުން ކަމަށް އަންވަރު ވިދާޅުވިއެވެ.

ކާޑުގެ ވެރިފަރާތުގެ ބޭންކް ތަފްސީލް ހިމެނުމަށްފަހު ކާޑުގެ ޗިޕް ބީއެމްއެލްއިން ލޮކް ކުރާނެ ކަމަށާއި އެހެންކަމުން އެކާޑުގައި ހިމަނާ ބޭންކް ތަފްސީލު އެނގޭނީ ކާޑުގެ ވެރިފަރާތަށާއި، ބީއެމްއެލްއަށް އެކަނި ކަމަށް ކޮންޓްްރޯލަރު ވިދާޅުވިއެވެ.

ކާޑުގެ ވެރިފަރާތުގެ ބޭންކް ތަފްސީލު އިމިގްރޭޝަނާ ހިއްސާ ކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފަތުރަމުންދަނީ ސިޔާސީ ގޮތުން މަންފާ ހޯދުމަށް ކަމަށާއި، އެކަމަކީ އިމިގްރޭޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން ޕާސްޕޯޓުގެ އިންޓެގްރިޓީއާ މެދު ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ސުވާލު އުފައްދަފާނެ ކަމަށާއި، އެފަދަ ކަމެއް މެދުވެރިވެެއްޖެ ނަމަ، ދިވެހިން ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ ހޯދުމުގައި ދަތިވެ ބޭރުގެ ގައުމުތަކުގެ ބޯޑަރު ހުރަސްކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ކޮންޓްެރޯލަރު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ހަގީގަތާ ޚިލާފު މައުލޫމާތު ފަތުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު ދޭ ކަމަށް އަންވަރު ވިދާޅުވިއެވެ.

comment ކޮމެންޓް