ދިރާގުން ރާއްޖޭގެ ބާޒާރަށް އައިފޯން އެކްސް ނެރެފި

އައިފޯނު އެކްސް ވިއްކަން ފެށުމަށް ބޭއްވި ހަފުލާގައި އެންމެ ފުރަތަމަ ފޯނު ލިބުނު ކަސްޓަމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު އެޕަލް ކުންފުނީގެ އައިފޯންގެ އެންމެ ފަހުގެ އުފެއްދުން "އައިފޯން އެކްސް" ދިރާގުން ރާއްޖޭގެ ބާޒާރަށް ނެރެ ކަސްޓަމަރުންނަށް ވިއްކަން ފަށައިފި އެވެ.

ދިރާގުން އައިފޯން އެކްސް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ ރޭ ދަންވަރު 12:00 އިރު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. ދިރާގުން އައިފޯން އެކްސް ވިއްކަމުން ދަނީ ޕްރީ އޯޑާއަށް ހުޅުވާލި މުއްދަތުގައި އޯޑާ ކޮށްފައިވާ ކަސްޓަމަރުންނަށެވެ.

އައިފޯން އެކްސް ދިރާގުން ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުން ކަސްޓަމަރުންނަށް އައިފޯން އެކްސް ދޫކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން މީޑިއާ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޑިވައިސިސް މެނޭޖަރު އަހްމަދު އިޝާން ވިދާޅުވީ، އެންމެ ފުރަތަމަ ފޯނު ދޫކުރަމުން ދަނީ ޕްރީ އޯޑާކޮށްފައިވާ ކަސްޓަމަރުންނަށް ކަމަށާއި އަދި ކުރިއަށް އޮތް ހަފްތާގައި ދެވަނަ ސްޓޮކެއް ވެސް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެޕަލްގެ އައިޕޯން އެކްސް އަށް ވަރަށް ތަރުހީބު އެބައޮތް. ވަރަށް ގިނަ ކަސްޓަމަރުން ޕްރީ އޯޑަރު ކުރަން އެ ވަގުތަށް މަޑުކުރައްވައިގެން ތިއްބެވި. ނަމަވެސް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ތެރޭގައި ޕްރީ އޯޑާ ސްޓޮކް އެއްކޮށް ސެލް އައުޓް ވެފަ މިވަނީ. އަޅުގަނޑުމެން އަދިވެސް އިތުރަށް މަޑުކުރައްވާ ހުރިހާ ކަސްޓަމަރުންގެ ޑިމާންޑަށް ކޭޓާކުރުމަށްޓަކައި އިތުރު އޯޑާތައް އެބަ ގެންނަން،" އިޝާން ވިދާޅުވި އެވެ.

އައިފޯން އެކްސް ދިރާގުން ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުން ވަނީ، މިދިޔަ އޮކްޓޫބަރު 20 ވަނަ ދުވަހު، އައިފޯން 8 އަދި އައިފޯން 8 ޕްލަސްގެ ޕްރީއޯޑަރު ކުރި ފަރާތްތަކަށް ފޯނު ވިއްކަން ފަށައިފަ އެވެ.

މީގެ އިތުރުން އަބަދުވެސް އެންމެ ފަހުގެ މޯބައިލް ފޯނުތައް ދިވެހީންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ދިރާގުން ވަނީ، ސެމްސަންގް ގެލެސީ ނޯޓް 8ގެ ޕްރީ އޯޑަރު ވެސް ނަގައިފަ އެވެ.

ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ފޯނުތައް އެންމެ ފުރަތަމަވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ.

comment ކޮމެންޓް