ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ޗައިނާއާ އެކު ދިވެހި ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއް އެކުލަވާލަން ކެބިނެޓުން ނިންމައިފި އެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމުގެ މަސައްކަތް ފެށި ކަމަށާއި އެފަދަ އެއްބަސް ވުމަކަށް ވަންނަން ނިންމީ 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީ ވަމުން އަންނަ ގައުމަކަށް ދިވެހި ރާއްޖެ ބަދަލްވުމާ ގުޅިގެން ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހަށް ބޭރު ދުނިޔެއިން ޑިއުޓީ ނަގަން ފެށުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.
"މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ތަކްލީފުތަކެއް އުފުލަން ޖެހުނު . ޑިއުޓީ ބޮޑުވުމުގެ ސަބަބުން މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރުމުގެ އަގު ވަރަށް ބޮޑުވެގެން ދިޔަ. އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޔާމީން މި ނިންމެވީ އެންމެ ކުޑަ އަގެއްގައި މަސް ބޭރަށް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އެންމެ ރަނގަޅު ހައްލެއްގެ ގޮތުގައި ފެނިގެންދިޔައީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ތެރެއަށް ވަނުން ކަމަށާއި އެގޮތުގެ މަތިން ގިނަ ގައުމުތަކަކާ އެކު އެފަދަ އެއްބަސް ވުމެއް އެކަލަވާލަން މަޝްވަރާ ކުރެވުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ދިވެހި މަސްވެރިންނަށް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޗައިނާއާ އެކުވެވޭ އެއްބަސް ވުމުގެ ދަށުން ރާއްޖެ އިން ޗައިނާ އަށް ކޮށްދެން ޖެހޭ މާ ބޮޑެތި ކަންތައްތަކެއް އެއްބަސްވުމުގައި ހިމެނިފައި ނުވާ ކަމަށާއި ރާއްޖެ އަކީ ކުޑަ އިގްތިސާދެއްކަން ޗައިނާ އިން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ދުނިޔޭގައި ވެސް ޗައިނާ ފަދަ ބޮޑު އިގްތިސާދެއް އޮތް ގައުމަކާ އެކު މިގޮތަށް ކުޑަ ގައުމަކުން ވެވޭ ފުރަތަމަ އެއްބަސްވުން ކަމަށާއި އެކަމުގެ ހުރިހާ ފައިދާތަކެއް ކުރާނީ ރާއްޖެ އަށް ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ގައުމުތަކާ އެކު މިފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖަޕާން ފަދަ ގައުމުތަކުން އެފަދަ އެއްބަސް ވުމެއް އެކުލަވާލުމަށް ރާއްޖެއާ އެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކަށް އައުމަށް މަޝްވަރާތައް ފައްޓައިފަ އެވެ. އެގޮތުން އެ މަޝްވަރާތަކުގެ ހަތް ބުރެއް ރާއްޖޭގައި އަދި ޗައިނާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޗައިނާއާ އެކު ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއް ގާއިމުކުރަން ކެބިނެޓުން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި މިއަދު މެންދުރު ފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.