ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު--

ޏ. ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މުޅި މަޝްރޫއަށް 25.5 މިލިއަން ޑޮލަރު (393.21 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އޯރިއޯ ގްރާންޓް އެގްރީމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ އެ މަޝްރޫއަކީ ހަތަރު އަހަރު ކުރިން ފައްޓާފައިވާ މަޝްރޫއެއް ކަމަށާއި އޭރު ކުރަމުން ދިޔައީ އެ މަޝްރޫއުގެ ބައެއް މުހިއްމު މަސައްކަތްތައް ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުއެވެ. އަދި ނެދަލޭންޑްސްގެ އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ)ގެ ފަރާތުން ސޮއިކުރެއްވީ އީވާ ވޯސަމް އެވެ.

ފުވައްމުލަކުގެ ހޭޅިފަށް ހިމާޔަތް ކުރުމަށް ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާ އިރު އެ މަސައްކަތުގެ 45 ޕަސެންޓް ފައިސާއަކީ ނެދަލޭންޑްސް ސަރުކާރުން ހަދިޔާ ކޮށްފައިވާ ފައިސާ ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"2650ގެ އަކަފޫޓް ހިމާޔަތް ކުރެވިގެންދާނެ. މި ސަރަހައްދަކީ ކޮންމެހެން ވެސް ހިމާޔަތް ކުރަން ޖެހޭ ސަރަހައްދެއް. ފުވައްމުލަކު ރައްޔިތުންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައި. އަންނަ އަހަރުގެ ޖުލައި މަހުގެ ތެެރޭގައި މި މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް