ބަޖެޓްގައި އޮންނާނީ 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ: މިނިސްޓަރު މުނައްވަރު

ބިހުރޯޒް ކަމަނާ މިސްކިތް: --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލައިގެން އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ބެޖްޓުގައި ނޯންނާނެ ކަމަށާއި ބަޖެޓްގައި އެގޮތަށް ޖަހާފައި އޮތީ އެ އިމާރާތުގެ "ކޮންސެޕްޓަށް" ނަމެއް ދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލައިގެން އިމާރާތެއް އަޅާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައާ ގުޅޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ އެއްވެސް އިރެއްގައި ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލައިގެން އެތަނުގައި އިމާރާތެއް އަޅާ ވާހަކަ ބަޖެޓްގައި ޖަހާފައި ނޯންނާނެ ކަމަށެވެ. ނަމަވެސް އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ހިލޭ އެހީގެ ދަށުން 12 ބުރީގެ އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖޭގައި މި އޮތް އިސްލާމްދީން އަބަދު ވެސް ހިމާޔަތް ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި ވިދާޅުވީ އެ އުސޫލަކީ ބަދަލުވެގެންދާނެ އުސޫލެއް ނޫން ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫއުއަކާ ހެދީ އެއްވެސް މިސްކިތަކަށް އަދި އެއްވެސް އާސާރީ ތަރިކައަކަށް ވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

"ބިހުރޯޒް މިސްކިތް ވެސް އަދި އެނޫން ވެސް މިސްކިތަކަށް ވެސް އަދި ރާއްޖޭގެ އާސާރީ ތަރިކައަށް ވެސް ގެއްލުން ލިބޭ ގޮތަށް އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުގެންދާނެ މި ސަރުކާރުން. ބަޖެޓް ކޮށްފައި އޮންނާނީ 12 ބުރީގެ އިމާރާތެއް އަޅަން. އޭގެ ތަފްސީލުގައި ވެސް ނޯންނާނެ ބިހުރޯޒް މިސްކިތް ތަޅާލާފައޭ އިމާރަތް [އަޅާ ވާހަކައެއް]. އަޅުގަނޑުމެން މިހާރު ކުރަމުން މި ގެންދަނީ އެ އިމާރާތުގެ ޕްލޭނިންގް މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޖުމުލަ ތިން ބަޔަކަށް މަޝްރުއުތައް ބެހިފައިވާ ކަމަށާއި އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދަނީ ހިލޭ އެހީގެ ގޮތުގައި ބެޖެޓަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ ފައިސާ އިން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ މެދު ކަމާބެހޭ އިދާރާތަކުގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާ ކަމަށެވެ. އަދި އައިޑިބީގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއަކަށް ވީތީ އެކަން ކުރިއަށްދާނީ އެ އިދާރާގެ ލަފާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލައިގެން 12 ބުރީގެ އިމާރާތެއް އަޅަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދާނެ ކަމަށާއި އެ މަސްރުއު ކުރިއަށް ދަނީ އެ މިސްކިތާ އިންވެގެން އޮތް އެ މިނިސްޓްރީގެ ބިމެއްގައި ކަމަށެވެ.

އަދި ވިދާޅުވީ ބިހުރޯޒް ކަމަނާ މިސްކިތް ބަންދުކޮށްގެން މިހާރު ކުރިއަށް ދަނީ އެ މިސްކިތް ހުރި ބިމުން ގަބުރު ފެނިގެން އެ ސަރަހއްދު ސާފު ކުރުމުގެ މަސައްކަތް ކަމަށާއި އިތުރު އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓްގައި ބުނެފައިވާ ގޮތުން 12 ބުރީގެ މަލްޓިޕާޕަސް އިމާރާތް އެޅުމަށް ފަސް މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

comment ކޮމެންޓް