މޮރޮޓޭނިޔާގެ ރައީސް ވިދާޅުވަނީ ލިބިޔާގެ ރައްޔިތުން ތަމްޘީލް ކުރަނީ އެޤައުމުގެ އިންތިޤާލީ މަޖިލީހުންކަން ސާފުނުވާކަމަށް

ނުވާކްޝޫތް (އޮގަސްޓް 7) : ލިބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރަމުންގެންދާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށް އިޢްތިރާފް ވުމަށް މޮރޮޓޭނިޔާ ދެކޮޅު ހަދައިފިއެވެ. ހުޅަނގު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ މޮރިޓޭނިޔާގެ ރައީސް މުޙައްމަދު ވުލްދި ޢަބްދުލްޢަޒީޒް އެޤައުމުގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ ލީބިޔާގެ ރައްޔިތުންގެ ގިނަބައެއްގެ ތާއީދުއޮތީ އެޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށްކަން ސާފުނުވާ ކަމަށާ މޮރިޓޭނިޔާގެ ތާއީދުއޮތީ ލީބިޔާގެ ރައްޔިތުންނަށް ކަމުގައެވެ.

މޮރިޓޭނިޔާގެ ރައީސް އިތުރަށް ވިދާޅުވީ ލީބިޔާގައި އިންތިޚާބެއް ބާއްވައިގެން ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ވެރިކަމަށް އައުމުން އެބަޔަކަށް ނުވަތަ އެފަރާތަކަށް މޮރިޓޭނިޔާ އިޢްތިރާފްވާނެ ކަމުގައެވެ. މޮރިޓޭނިޔާއިން އިޢްތިރާފްވަނީ ލީބިޔާގެ ވަކިނިޒާމަކަށް ނޫންކަމަށާއި ލީބިޔާގެ ރައްޔިތުންނަށް ކަމަށްވާތީ މޮރިޓޭރިޔާ މުޢާމަލާތް ކުރާނީ ކުރިންސުރެވެސް މުޢާމަލާތް ކުރަމުން ގެންދިޔަ ގައްޒާފީގެ ސަރުކާރާ ކަމަށް މޮރިޓޭނިޔާގެ ރައީސް ވުލްދި ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

މޮރިޓޭނިޔާގެ ރައީސްވަނީ ލީބިޔާގެ ވެރިކަން އެޤައުމުގެ ލީޑަރު ކާރނަލް މުޢައްމަރުލްޤައްޒާފީއަށް މިހާރު ނުކުރެއްވޭ ކަމަށް ވިދާޅުވެ ވެރިކަން ދޫކުރެއްވުމަށް ގައްޒާފީއަށް އިލްތިމާސް ކުރައްވާފައެވެ. މޮރިޓޭނިޔާގެ ރައީސް އިއްޔެ ދެއްވި ބަޔާނުގައިވެސް ލީބިޔާގެ ރައްޔިތުންނާ ވެރިކަން ޙަވާލުކުރުމަށް ގައްޒާފީއަށް ގޮވާލައްވާފައިވެއެވެ.

މޮރިޓޭނިޔާއިން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށް އިޢްތިރާފް ނުވިނަމަވެސް 50 އަށްވުރެ ގިނަ ޤައުމުންވަނީ ގައްޒާފީގެ ސަރުކާރުގެ ބަދަލުގައި ލީބިޔާގެ ރައްޔިތުން މިހާރު ތަމްޘީލްކުރަނީ އިދިކޮޅު އިންތިޤާލީ މަޖިލީހަށް ކަމަށްބުނެ އެމަޖިލީހަށް އިޢްތިރާފްވެފައެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު