ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދެއް ރާއްޖެއަށް ޒިޔާރާތްކޮށްފި

ޖޯޑަން ގެ ވަފްދާ އިސްލާމިކް މިނިސްޓރީ އަދި ފުލުހުން މަޝްވަރާ ތަކެއް ކުރަނީ--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޖޯޑަންއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުން ބަދަހިކޮށް އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޖޯޑަންގެ ވަފްދާ ފުލުހުން ބައްދަލު ކުރަނީ--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ ދަތުރުގެ މަގްސަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށާއި ދީނީ ހަރުކަށިކަމާއި ހައްދުފަހަނައަޅައި ދިއުން ނައްތާލުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުން ކަމަށާއި އެފަދަ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުންކަމަށެވެ.

އެ ވަފުދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާ ބައްދަލު ކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމާއި ރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ކަމަށް އެ މިނިސްޓްރީ އިން ބުންނެވެ.

ޖޯޑަންގެ ވަފްދާ އެކު އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްވެރިން މަޝްވަރާ ތަކެއް ކުރަނީ--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 21 ން 25 އަށް އެ ވަފުދުން ރާއްޖެއަށް ކުރާ މި ޒިޔާރަތުގައި މާދަމާ ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް