އަމިއްލައަށް މަރުވެގެން ނައިޖީރިއާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 50 މަރު

ނައިޖީރިއާގެ މިސްކިތަކަށް ޖާނު ގޮއްވާލައިގެން ދިން ހަމަލާގައި ޒަހަމްވި މީހަކު ޕިކަޕަކަށް އަރުވައިގެން ގެންދަނީ: 50 މީހުން މަރުވި އެ ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވޭ ---

ނައިޖީރިއާގެ އުތުރު އިރުމަތީ ޓައުނެއް ކަމަށްވާ މުބީގައި ހުރި މިސްކިތަކަށް އަމިއްލައަށް މަރުވެގެން މީހަކު ދިން ބޮމުގެ ހަމަލާއެއްގައި 50 މީހުން މަރުވެއްޖެ އެވެ.

ނައިޖީރިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަޑަމަވާ ސްޓޭޓްގައި ހުރި މިސްކިތަކަށް ޖާނު ގޮއްވާލައިގެން ހަމަލާ ދިނީ، އެ މިސްކިތުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ނަމާދު ކުރަން ގޮސް ތިއްބަ އެވެ.

ޖާނު ގޮއްވާލީ ފުރާވަރުގެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ނައިޖީރިއާ ފުލުހުންގެ ތަރުޖަމާން އުސްމާން އަބޫބަކުރު އެސޯސިއޭޓެޑް ޕްރެސް އަށް ވިދާޅުވީ، ހަމަލާގައި އަނިޔާވި މީހުންނަށް އެކި ހޮސްފިޓަލުތަކުގައި ފަރުވާ ދެމުންދާތީ، އަނިޔާވި މީހުންގެ ސީދާ އަދަދު ދަންނަވަން ދަތި ކަމަށެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ނަމަވެސް އެ ހަމަލާގެ ތުހުމަތު އަމާޒު ވަނީ އުތުރު ނައިޖީރިއާގެ މީހުން ގިނަ ސަރަހައްދުތަކަށް އަމާޒު ހަމަލާތައް ދެމުން ގެންދާ ނައިޖީރިއާގެ ހައްދުފަހަނައަޅާފައިވަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އަށެވެ.

ފުރާވަރުގެ ކުދިންނާއި ޒުވާން އަންހެނުން ބޭނުން ކޮށްގެން ޖާނު ގޮއްވާލުމުގެ ހަމަލާތައް ބޯކޯ ހަރާމުން ދެމުންދާއިރު އެ ޖަމާއަތުން ދިން ހަމަލާތަކުގައި ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 20،000 މީހުން ވަނީ މަރުވެފަ އެވެ. (ބީބީސީ، އޭޕީ)

comment ކޮމެންޓް