ރާއްޖޭގެ އެންމެ މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު، (ޔޫސޭ)އާއެކު ސަން މީޑިއާ ގުރޫޕުން އަލަށް ފަށާ ޑްރާމާ ސީރީޒް، "ޔޫސޭ ދޮރުން ދޮރަށް" ގެ ރަސްމީ ޓްރެއިލަރ މިއަދު ތައާރަފުކޮށް އަންނަ މަހު ޕްރޮގްރާމް ދައްކަން ފަށަން ނިންމައިިފި އެވެ.
ސަން މީޑިއާ ގުރޫޕުގެ ސީއޯއޯ މިންހާ ފާއިޒް ރަޝާދު (މިންނު) މިއަދު ވިދާޅުވީ "ޔޫސޭ ދޮރުން ދޮރަށް" ޕްރޮގްރާމް އުފެއްދުމަށް ސަން މީޑިއާ ގުރޫޕުގެ އެންމެ ސީނިއަރ މުވައްޒަފުން ހިމެނޭ ގޮތުން ޚާއްސަ ޓެކްނިކަލް ޓީމެއް އެކުލަވައިލާފައިވާ ކަމަށާއި ޕްރޮގްރާމް ޝޫޓު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.
"ޔޫސޭ ދޮރުން ދޮރަށް"ގެ ޝޫޓިން މިހާރު މި ވަނީ ފެށިފަ. އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭ ދައްކަން ފެށޭނެ. އެންމެ ފުރަތަމަ މި ޑްރާމާ އަޅުގަނޑުމެން އަޅުވާނީ ސަން ޕްލޭގައި،" މިންނު ވިދާޅުވި އެވެ.
މި ޑްރާމާގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޔޫސުފް ރަފީއު، (ޔޫސޭ) މިއަދު ވިދާޅުވީ ރާއްޖޭގެ މީޑިއާ އަކުން ދައްކާ އެންމެ ޝައުގުވެރި އަދި އެންމެ ގިނަ މީހުން ބަލާ ޕްރޮގްރާމަކަށް މި ޑްރާމާ ވެގެން ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. މި ޑްރާމާގައި ހުރިހާ ރަހަތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަފުޅު ކުރެއްވިއްޔާ މި ޕްރޮގްރާމް ވެގެންދާނީ ކުރިޔަށް އޮތް ތަނުގައި އެންމެ ގިނަ ބަޔަކު ބަލާ އަދި އެއަށް އިންތިޒާރުކުރާ ޕްރޮގްރާމަށް. އަޅުގަނޑުގެ އުފެއްދުންތަކުގައި ހުންނަ ކޮލިޓީ "ޔޫސޭ ދޮރުން ދޮރަށް"ގައި ވެސް ހުންނާނެ،" ޔޫސޭ ވިދާޅުވި އެވެ.