ޔުނިޓީ ކަޕް: ހިތާދޫ ފުޓްސަލް ޓީމާއި ޓީމް ތިނަދޫ އިން ފެށުން ރަނގަޅު ކޮށްފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ހަ ވަނަ ޔުނިޓީ ކަޕްގެ ތެރެއިން ---

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ހަ ވަނަ ޔުނިޓީ ކަޕްގެ ފުރަތަމަ ދުވަހުގެ މެޗުތައް ބ. ހިތާދޫގެ ހިތާދޫ ފުޓްސަލް ޓީމާއި ގދ. ތިނަދޫގެ ޓީމް ތިނަދޫ އިން ކާމިޔާބު ކޮށްފިއެވެ.

މާފަންނު ވެލިދަނޑުގައި ކުޅުނު އެ މުބާރާތުގެ ފުރަތަމަ މެޗު ހިތާދޫ ފުޓްސަލް ޓީމުން ކާމިޔާބު ކުރީ ށ. މަރޮށީގެ މަރޮށި އެފްސީއާ ބައްދަލު ކޮށް 1-3 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގައި ހިތާދޫ ފުޓްސަލް ޓީމުގެ ތިން ލަނޑު ވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސާޖިދު ރަޝީދުއެވެ. އަދި މަރޮށި އެފްސީގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝައިބާން އުސްމާން އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކުރީ މ. މުލީގެ މުލީ ފުޓްސަލް ޓީމާއި ޓީމް ތިނަދޫ އެވެ. އެ މެޗު 0-6 އިން ކާމިޔާބު ކުރީ ޓީމް ތިނަދޫ އެވެ. އެ ޓީމުގެ ހަސަން ރިޝާއު މުހައްމަދާއި، އިބްރާހިމް ޝަނޫން އާއި ހަސަން ޒާހިދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ތިނަދޫގެ އަލީ އިމްރާން އެވެ.

މުބާރާތުގައި މިރޭ ހަތަރު މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހދ. ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓާއި ތ. ތިމަރަފުށީގެ އިންވިސިބަލްސް އެސްސީއެވެ. ދެވަނަ މެޗުގައި ނ. މާފަރުގެ ކްލަބު މެދު ސިޓީ އާއި ރ. އިނގުރައިދޫގެ ޓީމް އިނގުރައިދޫ ބައްދަލު ކުރާއިރު، ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ ހއ. ކެލާ އާއި ހއ. ވަށަފަރުގެ ޗެލެންޖާސް އެފްސީ އެވެ. އަދި ފަހު މެޗުގައި ރ. މާކުރަތުގެ މާކޯ އެފްސީ ނިކުންނާނީ ޅ. ހިންނަވަރުގެ ހިންނަވަރު ހައިނަސް އާ ދެކޮޅަށެވެ.

ޔުނިޓީ ކަޕް ކުރިން ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރުގެ މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިފަ އެވެ. މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ ޔުނިޓީ ކަޕްގައި ބައިވެރިވި 16 ޓީމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ.

ގްރޫޕް އޭ:

  • މަރޮށި އެފްސީ (ށ. މަރޮށި)
  • ހިތާދޫ ފުޓްސަލް ޓީމު (ބ. ހިތާދޫ)
  • ހއ. ކެލާ
  • ޗެލެންޖާސް އެފްސީ (ހއ. ވަށަފަރު)

ގްރޫޕް ބީ:

  • މުލީ ފުޓްސަލް ޓީމު (މ. މުލި)
  • ޓީމް ތިނަދޫ (ގދ. ތިނަދޫ)
  • މާކޯ އެފްސީ (ރ. މާކުރަތު)
  • ހިންނަވަރު ހައިނަސް (ޅ. ހިންނަވަރު)

ގްރޫޕް ސީ:

  • ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް (ހދ. ނޮޅިވަރަންފަރު)
  • އިންވިސިބަލްސް އެސްސީ (ތ. ތިމަރަފުށި)
  • ރ. އަލިފުށި
  • މަޑުއްވަރީ ޔޫތު ކްލަބު (ރ. މަޑުއްވަރި)

ގްރޫޕް ޑީ:

  • ކްލަބު މެދު ސިޓީ (ނ. މާފަރު)
  • ޓީމު އިނގުރައިދޫ (ރ. އިނގުރައިދޫ)
  • ކަންމަތީ ބޯއީސް އެސްސީ (ދ. ބަނޑިދޫ)
  • މަޑަވެލި ރަޓު ޓީމް (ގދ. މަޑަވެލި)
comment ކޮމެންޓް